މާދަމާ ފާހަގަކުރާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ޕެއިން ކްލިނިކުގައި ކެންސަރު ބަލީގެ މީހުންނަށް ހިލޭ ޕެއިން އެސެސްމަންޓު ހަދައިދޭން ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ. 

އެ ކްލިނިކުން ބުނީ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކްލިނިކުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހިލޭ އެސެސްމަންޓް ހަދައިދޭން ހަމަޖެހިފައިވާ ކަމަށެވެ.

ކެންސަރު ބަލީގެ ދުވަހަކީ، އެ ބަލި ތަހައްމަލުކުރާ މީހުން ކުރިމަތިލާ އެކި ގޮންޖެހުންތަކަށް އަހުލުވެރިކުރުވާ ދުވަހަކަށް ވާއިރު، މި ދުވަހަށް ހާއްސަކޮށް އެ ކްލިނިކުން ހިލޭ ޕެއިން އެސެސްމަންޓް ފޯރުކޮށްދޭން ނިންމީ، އެ ބަލި ތަހައްމަލުކުރާ މީހުންނަކީ ކެނޑިނޭޅި އެތައް ވޭނެއް ތަހައްމަލުކުރަން ޖެހިފައިވާ ބަޔަކަށްވުމުން ކަމަށް ބުންޏެވެ. އަދި މި ތަދުތަކަކީ އާއްމުކޮށް އަޅާނުލައި ދޫކޮށްލެވޭ ކަމަކަށް ވާއިރު، އެ ކްލިނިކުގެ އަމާޒަކީ މި ހިދުމަތާ އެކު، ކެންސަރު ބަލި ހުރި މީހުން ތަހައްމަލު ކުރަމުންދާ ތަދުތަކަށް ލުއި ލިބޭނެ މަގެއް ފަހިކޮށްދިނުން ކަމަށް އެ ކްލިނިކުން ބުންޏެވެ. 

ރާއްޖެ އަކީ ކެންސަރު ބަލީގެ ޕޭޝަންޓުން ގިނަ ގައުމެކެވެ. ބޭރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން މަރުވާ މީހުންގެ 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގެ މީހުންނެވެ. ރާއްޖޭގައި އާއްމު ކެންސަރު ބަލިތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު، ލަންގް ކެންސަރު، ބްލަޑް ކެންސަރު، ތައިރޮއިޑް ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެ އެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ރަޖިސްޓްރީން ދައްކާގޮތުގައި، 1400 އަށް ވުރެ ގިނަ ކެންސަ ޕޭޝަންޓުން މިހާރު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. 

ކެންސަރުގެ ސަބަބުން އާއްމުކޮށް ކުރިމަތިވާ ތަދުތަކާ ހުރެ، ހަރަކާތްތެރިވެ އުޅުމަށާއި ނިދުމާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރެ އެވެ. ޕެއިން އެސެސްމަންޓަކީ އެ ތަދަކަށް އެންމެ އެކަށީގެންވާ ފަރުވާ ދެނެގަތުމަށް ހަދާ އެސެސްމަންޓެކެވެ. ޕެއިން ކްލިނިކުގައި މި އެސެސްމަންޓް ހަދާނީ އެ ކްލިނިކްގެ އެނެސްތީޒިއޮލޮޖިސްޓް ޑރ. މަހޭޝް ކުމާރު ކޮޓާ އެވެ.

އެ އެސެސްމަންޓުގައި ތަދުތަކުގެ ކްލިނިކަލް އިވެލުއޭޝަން ހަދައި، ޕެއިން މެޕިންގެ އިތުރުން އެ ޕޭޝަންޓަކަށް އެންމެ އެކަށީގެންވާ ޕެއިން މެނޭޖްމަންޓް އޮޕްޝަންތަކުގެ މައުލޫމާތު ހިއްސާކުރާނެ އެވެ. 

ޑރ. މަހޭޝް ވިދާޅުވީ ކެންސަ ޕޭޝަންޓުންނަކީ ވަރަށް ބޮޑަށް ތަދުތައް ތަހައްމަލުކުރާ ބައެއް ކަމަށެވެ. އެގޮތުން، ބައެއް ފަރާތްތަކުން އަބަދު ތަދުތައް ތަހައްމަލު ކުރާ އިރު، ބައެއް ޕޭޝަންޓުންނަކީ ހެލިފެލިވެ އުޅުމާއި ޓްރީޓްމަންޓު ނެގުމުގަ އާއި ބަލި އިތުރަށް ޕްރޮގްރެސްވުމުން ތަދު ތަހައްމަލު ކުރާ ފަރާތްތަކެއް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަނގަޅު ޕެއިން އެސެސްމަންޓެެއް  ހަދާ، ދެވެން ހުރި ފަރުވާ ދެނެގަނެ، އެ ފަރުވާތައް ދިނުމަކީ އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމެެއް ކަމަށެވެ. 

ޕެއިން ކްލިނިކުން ބުނީ ޕެއިން އެސެސްމަންޓަށް ހުރި އެޕޮއިންޓްމަންޓުތަކަކީ ލިމިޓަޑް ސްލޮޓްތަކަކަށް ވުމުން އިސްކަން ދޭނީ ފުރަތަމަ އަންނަ ޕޭޝަންޓުންނަށް ކަމަށެވެ. އަދި ޕެއިން އެސެސްމަންޓުގެ ދަށުން އެއްވެސް ޕްރޮސީޖާއެއް ނުވަތަ އިންޖެކްޝަނެއް ނުހިމެނޭނެ ކަމަށާއި އެއީ ހަމައެކަނި ކޮންސަލްޓޭޝަނެއްކަން ފާހަގަކުރި އެވެ. 

ޕެއިން ކްލިނިކުން ބުނީ އެ ކްލިނިކުގެ އަމާޒަކީ ޕެއިން މެނޭޖްމަންޓާއި މެދު ކެންސަރު ބަލީގެ މީހުން އަހުލުވެރިކުރުވައި، ތަދު މެނޭޖްކުރަން އަވަހަށް އެސެސްމަންޓު ހެދުމަށް ބާރު އެޅުން ކަމަށެވެ. 

އަލިކިލޭގެފާނު މަގުގައި ހުންނަ ގ. ހިޔާކުރި، ހަތަރު ވަނަ ފްލޯގައި ހަދާފައިވާ ޕެއިން ކްލިނިކަކީ ތަދުތަކަށް ފަަރުވާ ދޭން ރާއްޖޭގައި ހުޅުވި ފުރަތަމަ ކްލިނިކެވެ. އެ ކްލިނިކުގެ ނަމްބަރު 3326666 އަދި ވައިބާ ނަމްބަރު 7260892 އިން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.