މޯލްޑިވްސް ސެކިޔުރިޓީސް ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޫރްބާން ފަހުމީ އައްޔަނުކޮށްފި އެވެ.
އެމްއެސްޑީގެ ސީއީއޯގެ މަގާމުގެ އިތުރުން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)ގެ ޗީފް ސްޓްރެޓަޖިސްޓްގެ މަގާމަށް ވެސް ނޫރްބާން ވަނީ އައްޔަންކޮށްފަ އެވެ.
އެއާ އެކު، އެމްއެސްޑީގެ އިތުރުން އެމްއެސްއީގެ ބޯޑު ޑިރެކްޓަރުކަމަށް ވެސް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނޫރްބާން އައްޔަންކޮށްފައިވާ ކަމަށް އެމްއެސްސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެމްއެސްޑީގެ އިތުރުން އެމްއެސްއީގެ އިސް ސަފަށް ބަދަލު ގެނެސްފައިވަނީ، "ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އިދާރީ ވިލުންތެރިކަމާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ކެޕިޓަލް މާކެޓު އާ ހަރުފަތަކަށް ގެންދިޔުމަށް" މަގުފަހިކުރުމުގެ ގޮތުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ގާނޫނީ އަދި ޕަބްލިކް މެނޭޖްމަންޓު ދާއިރާއިން އިނގިރޭސިވިލާތުން ތައުމީލް ހާސިލްކުރައްވާފައިވާ ނޫރްބާން ވަނީ އެމްއެސްޑީގެ އިތުރުން އެމްއެސްއީގެ ތަފާތު އިސް މަގާމުތަކުގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.
މިގޮތުން އޭނާ ވަނީ، ސީއޯއޯގެ މަގާމާއި ލީގަލް ކައުންސެލް އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ފުރުއްވައިފަ އެވެ.
މީގެއިތުރުން، ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ކައުންސެލްގެ މަގާމު ވެސް ނޫރުބާން ވަނީ އަދާކުރައްވައިފަ އެވެ.