ހުޅުމާލޭގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، ބްލޫ ލެގޫންއިން މިދިޔަ މަހު އެޕާޓްމަންޓުތައް ގަތުމަށް ބުކް ކުރަން ހުޅުވާލި "އާލީ ފޭސް" އަގުތަކުގައި އެޕާޓްމަންޓު ގަތުމުގެ ފުރުސަތު ރޯދަ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ބްލޫ ލެގޫން އިމާރާތްކުރާ އިންޑިއާ ކުންފުނި، ވީސީއައިއެލް ގްރޫޕުން ބުނީ އެ ކުންފުނިން ހުޅުވާލި ފުރުސަތުގައި ބޭނުންވި ސޭލްސް ޓާގެޓް ހާސިލްކުރެވިފައި ވިޔަސް، އެތަނުން އެޕާޓްމަންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އާލީ ފޭސް އަގުގައި އެތަން ގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ މުއްދަތު އިތުރުކުރަން ނިންމީ ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނީ މިދިޔަ މަހު އެ އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތަށް ފަހު، ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ރެޒިޑެންޝަލް ޓަވަރުތަކުގެ މަސައްކަތްތަކާއި ކޮމާޝަލް އާކޭޑްގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އެގޮތުން، މިހާރު އެކްސްކަވޭޝަން އާއި ފައުންޑޭޝަންގެ މަަސައްކަތްތައް ފެންނާނެހެން ކުރިއަށްދާ ކަމަށާއި، މިއީ ދީފައިވާ ވަގުތަށް އެ ޕްރޮޖެކްޓު ނިންމުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް ހާމަވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.
އެކުންފުނިން ބުނީ މިހާރު ވެސް ގިނަ ބަޔަކު އެތަނުގެ އެޕާޓްމަންޓުތައް ގަތުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި ދެ ޓަވަރުގެ އެޕާޓްމަންޓުތައް ވެސް ބުކް ކުރަމުން އަންނަ ކަމަށެވެ.
ބްލޫ ލެގޫން ޕްރޮޖެކްޓަކީ ލަގްޒަރީ ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް ހިމަނައި, މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ތަފާތު އެއް ޕްރޮޖެކްޓެވެ. މިއީ ރާއްޖޭގެ ލަގްޒަރީ ދިރިއުޅުން މާނަކުރާ ގޮތް ބަދަލުކޮށްލާނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް ވީސީއެލް އިން ވަނީ ބުނެފަ އެވެ. އެ ތަނުގެ ކުރެހުމަށް ބަލާއިރު، ގިނަ ހިދުމަތްތަކެއް ހިމަނާފައިވަނީ ގުދުރަތީ ރީތިކަން ތަޖުރިބާކޮށް، ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭނެ އެކި ވަސީލަތްތަކާ އެކު ހިތްފަސޭހަ ދިރިއުޅުމަކަށް ބޭނުން ވާނެ ކަންކަމާ އެކުގަ އެވެ.
މިއީ ދުނިޔޭގެ މަޝްހޫރު އިންޑިއާ އާކިޓެކްޓް ހަފީޒް ކޮންޓްރެކްޓާ ޑިޒައިންކުރި އިމާރާތެކެވެ. އޭނާ އަކީ ދުބާއީގައި ހެދި ފުރަތަމަ އެންމެ އުސް ރެޒިޑެންޝަލް އިމާރާތް 23 މެރިނާ ޑިޒައިން ކުރި އާކިޓެކްޓެވެ. އޭނާ ވަނީ އެކި ސްކައސްކްރޭޕާތަކާއި ރެޒިޑެންޝަލް ޑިވަލޮޕްމަންޓް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ދެ ޓަވަރަކަށް ބަހާލައިގެން 18 ފްލޯ އަށް ހަދާ މި އެޕާޓްމަންޓު ކޮމްޕްލެކްސްގައި35,000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އޮންނާނެ އެވެ. އަދި އެ ޖާގައިގައި އެކި ވަސީލަތްތައް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.
އެގޮތުން އެ ތަނުގައި15,000 އަކަފޫޓުގެ ބޮޑު ކްލަބް ހައުސްގައި 2,638 އަކަފޫޓުގެ ޖިމަކާއި 1,713 އަކަފޫޓުގެ ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރެއް ހަދާނެ އެވެ. އަދި 1,900 އަކަފޫޓުގެ މަލްޓިޕާޕަސް ހޯލަކާއި 2,638 އަކަފޫޓުގެ ކުޑަކުދިންގެ ޕްލޭ އޭރިއާއަކާއި 15 ސީޓުގެ ތިއޭޓަރަކާއި ޑޭ ކެއާއެއް އަދި 4,564 އަކަފޫޓުގެ ގާޑަންއެއް ވެސް ހުންނާނެ އެވެ.
ވީސީއެލް އިން ބުނި ގޮތުގައި، ބްލޫ ލެގޫންގައި ހަދާ 24,000 އަކަފޫޓުގެ ރޫފްޓޮޕްގައި ޖޮގިން ޓްރެކާއި މޭވާ ބަގީޗާތަކާއި ކަބާނާތަކާއި ބީބީކިއު ޒޯންތައް ހުންނާނެ އެވެ. މި ތަނުގެ ރޫފްޓޮޕްގައި ބޮޑު ރޫފްޓޮޕް ސްވިމިން ޕޫލް ވެސް ގާއިމް ކުރާނެ އެވެ. މި ތަނުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކާއި ޕްރައިވެޓް ޕާކިން ފެސިލިޓީތައް ގާއިމުކޮށް 24 ގަޑިއިރު ސަވައިލެންސް ކުރާނެ އެވެ. "ބްލޫ ލެގޫން"ގައި ހެދުމަށް ހަމަޖެހިފައި ވަނީ 1,035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1,280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1,340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓާއި 1,795، 1,825 އަދި1,875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ. "ބްލޫ ލެގޫން"ގެ މަސައްކަތް ކުރާ ވީސީއެލް ގްރޫޕަކީ 175 އަށް ވުރެ ގިނަ ޕްރޮޖެކްޓް އިންޑިއާގެ އިތުރުން މޮރިޝަސް ފަދަ އެކި ގައުމުތަކުގައި ހިންގާފައިވާ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެފްޑީސީގެ އަމާން ދޯދި ޓަވަރުގެ 1,400 ހައުސިން ޔުނިޓްގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާ، ދިވެހިންގެ އިތުބާރު ވެސް ހޯދާފައިވާ ކުންފުންޏެކެވެ.
އެތަނުން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ސޭލްސް ސެންޓަރުން އެޕާޓްމަންޓް ގަތުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތާއި އަގުތަކުގެ އިތުރުން ވީއާރު ޓުއާގެ ޒަރީއާއިން ތަން ހުންނާނެ ގޮތުގެ މޮޑެލް ބަލާލުމުގެ ފުރުސތަު ލިބޭނެ އެވެ.