އިމާރާތްކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފެޑޯއިން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ބައިނަލްއަގުވާމީ ކޮލިޓީ ނިޒާމު އައިއެސްއޯ 45001:2018 އަދި ތިމާވެށި ބަލަހައްޓާ ނިޒާމު އައިއެސްއޯ 14001:2015 ސެޓިފިކޭޝަން ހޯދައިފި އެވެ.
އެ ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ ބައިނަލްއަގްވާމީ ފެންވަރުގެ އިންސްޕެކްޝަން، ވެރިފިކޭޝަން އަދި ސެޓިފިކޭޝަން ދޭ، 115 ގައުމެއްގައި ހަރަކާތްތެރިވާ ކުންފުނި އެސްޖީއެސްއިންނެވެ.
މި ކާމިޔާބީއާ އެކު، ފެޑޯއިން މިހާރު ވަނީ ތިން ދާއިރާއަކުން ފުރިހަމަ އިންޓަގްރޭޓެޑް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ފެންވަރު ބަލަހައްޓާ ނިޒާމު - 9001:2015 ISO
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ނިޒާމު - 45001:2018 ISO
- ތިމާވެށި ބަލަހައްޓާ ނިޒާމު - 14001:2015 ISO
މި ސެޓިފިކޭޝަންތަކަކީ އިނގިރޭސިވިލާތުގެ ގައުމީ އެކްރެޑިޓޭޝަން ހިދުމަތްކަމުގައިވާ ޔޫކޭއޭއެސް އިން އެކްރެޑިޓްކޮށްފައިވާ ސެޓިފިކޭޝަންތަކަކެވެ. ފެޑޯއިން އަކީ މި ތިން ސެޓްފިކެޓު ލިބިފައިވާ ރާއްޖޭގެ ހަމައެކަނި ކޮންސްޓްރަކްޝަން ކުންފުންޏެވެ.
ފެޑޯއިން ބުނީ އެ ކުންފުނިން މީގެ ކުރިން ވެސް އައިއެސްއޯ 9001 ސެޓިފިކެޓް ދަމަހައްޓައި، ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އަލަށް ހާސިލުކުރި އައިއެސްއޯ 45001 އަދި އައިއެސްއޯ 14001 ސެޓިފިކޭޝަންއާ އެކު، ކުންފުނީގެ ހިންގުމުގެ އޮނިގަނޑު ވަރުގަދަވެ، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި، ތިމާވެށި ހިމާޔަތްކުރުމާއި، މަސައްކަތުގެ ދާއިރާގައި ދިމާވެދާނެ ނުރައްކާތައް މެނޭޖްކުރުމުގައި އެކުންފުނިން ރަނގަޅު ގަވާނަންސް ނިޒާމެއް އެކުލަވާލާފައިވާ ކަމަށް ބުންޏެވެ.
އައިއެސްއޯ 45001 ސެޓިފިކޭޝަން އަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ ހާދިސާތަކާއި ބަލިތަކުން މުވައްޒަފުން ރައްކާތެރިކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތާއި، ރައްކާތެރިކަމުގެ ސަގާފަތެއް އާލާކުރުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތައް އިތުރުވެގެން ދާނެ ކަމެއް ކަމަށް ފެޑޯއިން ބުންޏެވެ. އަދި އައިއެސްއޯ 14001 ސެޓިފިކެޓާ އެކު، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ގަވާއިދުތަކަށް ބޯލެނބުމާއި، ކުނި މެނޭޖްކުރުމާއި، ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިއީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއްގައި މުހިންމު ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.
ފެޑޯއަށް ލިބުނު ކާމިޔާބީ އަކީ ހަމައެކަނި ފެންވަރު ހިފެހެއްޓުމަށް އެ ކުންފުނިން ކުރާ މަސައްކަތެއް ނޫންކަމަށާއި އެއީ އެކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތު ހަރުދަނާކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އެކުންފުނީގެ މެނޭޖްމަންޓުން ބުންޏެވެ.
އެ ކުންފުނިން ބުނީ ރާއްޖޭގެ މުޖުތަމައުއާއި ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، ޒިންމާދާރުކަމާއެކު ކުރިއެރުން ހޯދުމަކީ އެކުންފުނީގެ އެންމެ އިސް އަމާޒުކަމަށް ބުންޏެވެ. އަދި އެ ސެޓިފިކެޓްތަކުގެ ސަބަބުން ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތައް އެކުންފުނީގައި ހިންގުމުގެ ތެރޭގައި ގާއިމްކޮށް ދެމެހެއްޓުމަކީ އެސެޓިފިކޭޝަންތަކުގެ ތެރެއިން އެކުންފުނިން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ބުންޏެވެ.