މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިއްޔެ އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް 32 ޕަސެންޓަށް އިތުރު ކުރަން ނިންމައިފި އެވެ.
އެމްއެމްއޭ އިން މިއަދު ބުނީ، އެ ހާއްސަ ނިންމުން ނިންމީ މިއަދު ފެށި ރޯދަމަހާ ދިމާކޮށް، ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެ ގޮތް ވިޔަފާރިވެރިންނަށް ހޯދައިދިނުމަށްޓަކައި ކަމަށެވެ.
"މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ،" އެމްއެމްއޭ އިން ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނީ، އެ ފިޔަވަޅުގެ ނަތީޖާއަކީ ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކުން، ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބުމެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މަގުފަހިވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
"މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިން ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ،" އެމްއެމްއޭ އިން ބުންޏެވެ.
މިފަދަ ފިޔަވަޅުތަކަކީ ރޯދަމަހާ ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖު ކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ޚާއްސަ ސިޔާސަތެެއް ކަން އެ އިދާރާ އިން ފާހަގަކުރި އެެވެ.
އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތަކަށް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ 10 ޕަސެންޓަށް އިތުރު ކޮށްފަ އެވެ. އޭގެ ނަތީޖާއަކީ އެމްއެމްއޭ އިން އޭރު ބުނެފައިވާ ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރުވުމެކެވެ.
ވިޔަފާރިތަކަށް ޑޮލަރު ދޭ މިންވަރު އިތުރު ކުރިއިރު، މިދިޔަ މަހު ރާއްޖޭގެ ރިޒާވް ވަނީ 1.1 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑަށް ރިޒާވް އުފުލުނު ފަހަރެވެ. މިދިޔަ އަހަރު ލިބުނު އާމްދަނީން ޑޮލަރުގެ ގޮތުގައި 1.2 ބިލިއަން ލިބުނު ދައުލަތަށް ލިބުނެވެ. އަދި މަނީ އެކްސްޗޭންޖް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން 492 މިލިއަން ޑޮލަރު އެމްއެމްއޭއިން މާރުކޮށްފައިވެ އެވެ.