ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް ހިންގި އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް، ތިން ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

މަރުކަޒީ ބޭންކުން 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، "ރިވާސް ރީޕާޗޭސް އޮޕަރޭޝަން" ފެށީ މިދިޔަ އަހަރުގެ ޖުލައި 23 ގަ އެވެ. މިއީ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑް އިތުރުވުމާ އެކު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރަން އެމްއެމްއޭ އިން އެޅި ފިޔަވަޅެކެވެ. 

މީގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ  ޖޫން މަސް ނިމުނުއިރު ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ 39 ޕަސެންޓް ވަނީ ދަށްކުރެވިފައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހު ސާޕްލަސް ލިކުއިޑިޓީގެ ގޮތުގައި އެވަރެޖްކޮށް ހަތް ބިލިއަން ރުފިޔާ ހުރިއިރު، މި އަހަރުގެ ޖޫން މަސް ނިމުނުއިރު މި އަދަދު ވަނީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި މެއިން ލިކުއިޑިޓީ އޮޕަރޭޝަންސް (އެމްއެލްއޯ) ފަށާފައިވާއިރު، އެ އަހަރުގެ ނޮވެމްބަރު ގައި ސްޓްރަކްޓަރަލް ލިކުއިޑިޓީ އޮޕަރޭޝަންސްގެ ހުރިހާ ޓެނާސްތަކެއްގެ ރޭޓް 100 ބޭސިސް ޕޮއިންޓުން އިތުރުކޮށް، މި އޯގަސްޓްގައި އިތުރު 10 ބޭސިސް ޕޮއިންޓުން މަތިކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.