އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން، ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ، ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމްސްއާ ގުޅިގެން ވެރިފިކޭޝަން ނިޒާމެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނީ، ޓީޓީ މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކުން، އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް އެތެރެކުރާކަން ކަށަވަރުކުރުމުގެ ގޮތުން މި ވެރިފިކޭޝަން ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކަސްޓަމްސް ސާވިސްއާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ޒަރޫރީ މުދާ އިމްޕޯޓްކުރާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލް އިން މިދިޔަ މަހު ބުނެފައިވާ ގޮތުގައި  މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ޓީޓީ ފޮނުވުމަށް 186 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވެ އެވެ.  މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު މިއީ 12 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 

ބީއެމްއެލް އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެ އެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރެވެ.

ބޭންކިން ނިޒާމަށް އޮޅުވާލައި، މުދާ އިމްޕޯޓްކުރުމުގެ ނަމުގައި ގައުމުން ބޭރަށް ޑޮލަރު ގެންދިމުގެ ބޮޑު މައްސަލައެއް މި ފަހުން އަވަށްޓެރި ސްރީ ލަންކާގައި ވަނީ ފަޅާއަރައިފަ އެވެ. އެ ގައުމުގެ ފުލުހުން ބުނެފައިވާ ގޮތުގައި މުދާ އިމްޕޯޓްކުރުމުގެ ނަމުގައި، ފޭކް ކުންފުނިތައް ހަދައި ގައުމުން ބޭރަށް ބިލިއަނެއްހާ ޑޮލަރު ގެންގޮސްފައިވެ އެވެ. އެ މުއާމަލާތްތަކުން އިމްޕޯޓްކުރި މުދަލެއް ފެންނަން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.  

ރާއްޖޭގައި ވެސް ޑޮލަރުގެ އަގު އުފުލި އެކަމުގެ ބުރަ ވިޔަފާރިތަކާއި އާންމުން ވެސް އުފުލަން ޖެހިފައި ވާއިރު މައްސަލަ ހައްލުކުރުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.