ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ހިންގާނެ އޮފީހެއް ހޯދަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އެ ކޮމިޝަން ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
އޮފީސް އިމާރާތް ހޯދަން އިއުލާނުކުރީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ދަށުންނެވެ.
ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ބީލަމުގައި ބައިވެރިވުމަށް ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށެވެ. އަދި ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 67،500ރ. ގެ ދައްކަން ޖެހެ އެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހަޅަންޖެހެނީ އަންނަ މަހުގެ 4 ގެ 10:00 ގެ ކުރިންނެވެ.
މިވަގުތު އެ އޮފީސް ހިންގަމުން އަންނަނީ ސީ ޓްރެކްސް ބިލްޑިންގެ ހަތަރު ވަނަ ފްލޯގަ އެވެ.
އެންއައިސީ އުފައްދާފައިވަނީ 2015 ވަނަ އަހަރު އެވެ. އެއީ ރާއްޖޭގައި ހިންގަމުންދާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ. އަދި އެފަދަ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ވެސް އެކޮމިޝަނަށް ލިބިގެންވެ އެވެ.