ކާބޯތަކެތި އުފައްދާ އެންމެ ބޮޑު ކުންފުނި "ނެސްލޭ" އިން އައިސްކްރީމް ހެދުން ހުއްޓާލަން ނިންމައިފި އެވެ.
ބޭރުގެ ބައެއް މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، ނެސްލޭ އިން މިހާރު އަންނަނީ، އެ ކުންފުނިން މިވަގުތު އުފައްދާފައިވާ އައިސްކްރީމްތައް ވިއްކޭނެ ގޮތައްތައް ހޯދަމުންނެވެ.
ނެސްލޭއިން މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ އައިސްކްރީމް ވިއްކަ އެވެ. އޭގެ ތެރޭގައި ހާގެންޑާޒް އާއި ޑްރަމްސްޓިކް ހިމެނެ އެވެ. އެ ދެ ބްރޭންޑުން އެކަނި ވެސް 1.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބެ އެވެ.
އެ ދެ ބްރޭންޑިގެ އިތުރުން މޫވެންޕިކް އާއި އެކްސްޓްރީމާއި މެކްސިބޯން އާއި އެންޓިކާ ޖެލެޓީރިއާ ޑެލް ކޯސޯ އަކީ ވެސް ނެސްލޭ އާއި ފްރޯނެރީއާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން އުފައްދާ އައިސްކްރީމް ބްރޭންޑްތައް ވެސް ހިމެނެ އެވެ.
ނެސްލޭގެ މި ބޮޑު ނިންމުން އައީ، އެ ކުންފުނީގެ ކޮފީގެ އުފެއްދުންތަކާއި ޗޮކްލެޓްތަކުގެ ސޭލްސް އިތުރުވުމާ ގުޅިގެން އެފަދަ ޕްރޮޑަކްޓްތަކަށް އިސްކަން ދިނުމުގެ ބޭނުމުގަ އެވެ.
ނެސްލޭގެ ސީއީއޯ ފިލިޕް ނަވްރާތިލް ވިދާޅުވީ، އެ ކުންފުނިން މިވަގުތު އިސްކަން ދެނީ ހަތަރު މައި ވިޔަފާރިއެއްގެ ބްރޭންޑުތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ބްރޭންޑުތައް ފުޅާކޮށް، އޭގެ ވިޔަފާރި އިތުރު ކުރުމަށް ވިސްނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިލިޕް ނަވްރާތިލް ވިދާޅުވި ގޮތުގައި، ނެސްލޭގެ ހަ އައިސްކްރީމް ބްރޭންޑަކީ އެ ކުންފުނީގެ އެހެން ބްރޭންޑުތަކުގެ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް އޮތް ހުރަހެކެވެ.
ނެސްލޭގެ އިތުރުން ޔުނިލެވާ ކުންފުނިން ވެސް ވަނީ އެ ކުންފުނިން އުފައްދަމުން އައި މެގްނަމް ބްރޭންޑްގެ އައިސް ކްރީމް އުފެއްފުން ހުއްޓާލައި، އެ ބްރޭންޑުގެ އުފެއްދުންތައް ވަކި ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ.
ސްވިޒަލޭންޑްގެ ނެސްލޭ އިން އަންނަނީ އެ ކުންފުނީގެ ސައިޒު ކުޑަ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި އެ ކުންފުނީގެ ބްރާންޗުތަކުން 16،000 މީހުން ވަޒީފާ އިން ވަކިކުރުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އެއް ބޭނުމަކީ ރިކަރަންޓް ހަރަދުތައް ކުޑަކޮށް، ޓެކްނޮލޮޖީއާ އެކު ބައެއް ހިދުމަތްތައް އޭއައި މެދުވެރިކޮށް ދިނުމެވެ.