އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލަތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ކުރިން ތާވަލު ކޮށްފައިވާ ގޮތަށް މިދިޔަ ހަފުތާގައި ވެސް ތެލުގެ ދެ ޝިޕްމަންޓު އެސްޓީއޯ އިން ރާއްޖެ ގެނައި ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ. 

އޭނާ ވިދާޅުވީ، ރާއްޖެ އަށް އެސްޓީއޯ އިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި އަދި ދުރާލާ ސަޕްލަޔަރުންނާ އެކު އެ ކުންފުނިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަމަށެވެ.

އެ ތާވަލާ އެއްގޮތަށް މިދިޔަ ހަފުތާގައި ވެސް ތެލުގެ އައު ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެެ.

"ހަމަ އެފަދައިން އެސްޓީއޯ އިން ސަޕްލަޔަރުންނާ އެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައް ވެސް ވަނީ ރާއްޖެ އަށް ގެނައުމަށް ޝެޑިއުލް ކުރެވިފަ އެވެ،" މިނިސްޓަރު ސައީދު އެކްސްގައި ވިދާޅުވި އެވެ. 

އެސްޓީއޯ އިން ވެސް މިދިޔަ ހަފުތާގައި ބުނެފައި ވަނީ ރާއްޖެ އަށް ބޭނުންވާ ތެޔޮ ގެނައުމުގައި، ތެޔޮ އެތެރެ ކުރާ އެހެން ފަރާތްތަކާ އެކު، ތެލުގެ ސަޕްލައި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތަށް އެކަމުގައި އުނދަގުލެއް ނެތް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދާއި އެސްޓީއޯގެ އެމްޑީ ޝިމާދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެސްޓީއޯ
އިކޮނޮމިކް މިނިސްޓަރު ސައީދާއި އެސްޓީއޯގެ އެމްޑީ ޝިމާދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެސްޓީއޯ

މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވިދާޅުވީ، ދެ ހަފުތާ އަށް ބޭނުންވާ ތެޔޮ މި ވަގުތު ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އިތުރު ތެލުގެ ޝިޕްމަންޓު މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެ އަށް ގެންނާނެ ކަމަށް ޝިމާދު ވިދާޅުވެފައި ވެ އެވެ.

އެސްޓީއޯ އިން އޭރު ވެސް ލަފާކޮށްފައި އޮތީ ތެލުގެ އާ ޝިޕްމަންޓެއް މިދިޔަ ހުކުރު ދުވަހާއި މާދަމާ ރާއްޖެ އަންނާނެ ކަމަށެވެ. 

އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 16.01ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 17.54ރ. އެވެ. 

މިނިސްޓަރު ސައީދު ރޭ ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރުން ތެޔޮ ސަޕްލައި ކުރުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ހާލަތުގެ އަސަރު ރާއްޖެ އާއި ދިވެހިންނަށް ކުރާވަރު ވީހާ ވެސް ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާ އެކު، ވަރަށް ހަލުވިކޮށް، ރޭވުންތެރިކަމާ އެކު ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ދަށުން އެސްޓީއޯ އިން އަންނަނީ ރާއްޖެ އަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެ ގޮތުގެ މަތީން ދަމަހައްޓަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.