ދިރާގުގެ ހިއްސާއަކަށް 8.70ރ. ބަހަން ފާސްކޮށްފި އެވެ.
އިއްޔެ ރޭ ބޭއްވި ދިރާގުގެ 37 ވަނަ އަހަރީ އާއްމު ޖަލްސާގައި ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް، ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓު ވެސް ނެގީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށެވެ.
ޖުމުލަ 74،240،990 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާ އެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ފަސް ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ. އެއީ:
1. މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް.
2. މިދިޔަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް
3. މި އަހަރުގެ މާލީ އަހަރުގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުން
4. މި އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
5. ކުންފުނީގެ 39 ވަނަ އަހަރީ އާންމު ޖަލްސާ ނިމެންދެން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް، އާސިޔަތު ރިލްވީނާ އިންތިހާބުކުރުން.
ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ބައެއް ކާމިޔާބީތައް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝާން ހޯދައިފައިވާ ޑޭޓާ ސެންޓަރު، ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައި، ނ. ވެލިދޫގައި ދިރާގުގެ 3ވަނަ ޑޭޓާ ސެންޓަރު ހުޅުވުން.
- ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 ޕަސެންޓު ހައި-ސްޕީޑް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިރާގުން ހޯދި ކާމިޔާބީ ފާހަގަކޮށް ސަރުކާރުގެ ފަރާތުން ހަދާނީ ފިލައެއް ލިބުން. އަދި ދުނިޔޭގެ ނިސްބަތުން މި ލަގަބު ހޯދާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިއުން.
- ކުންފުނީގެ 93 ޕަސެންޓު މުވައްޒަފުންގެ ބައިވެރިވުމާއެކު، 'ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަން ހާސިލުކުރުން.
- ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އަންލިމިޓެޑް ފައިބަ ބްރޯޑްބޭންޑާއި 5ޖީ ނެޓްވޯކް ފުޅާކުރުމާ އެކު، ކްލައުޑް ކޮމްޕިއުޓިން، ސައިބަ ސެކިއުރިޓީ އަދި މޮބައިލް ފައިނޭންޝަލް ސާވިސަސް ފަދަ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތައް ތައާރަފުކޮށް ހަރުދަނާކުރުން.
- ބައިނަލްއަގުވާމީ ކަނެކްޓިވިޓީ ވަރުގަދަކުރުމުގެ ގޮތުން، ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަޝްރޫއުގައި ބައިވެރިވުމާއި ގޫގުލްއާ ގުޅިގެން އައްޑޫ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރުމުގެ މަޝްރޫއު.
ދިރާގަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު 1.8 ޕަސެންޓުގެ އިތުރުވުމެކެވެ. ދިރާގުން ބުނީ އެ ކުންފުނީގެ އާމްދަނީ އިތުރުވީ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަޕްރައިސް ސެގްމަންޓްގެ ޕާފޯމަންސް ވަރުގަދަ ކޮށްފައިވާތީ ކަމަށެވެ.
ދިރާގުގެ ފައިދާ 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ޓެކްސް އަށް ނުކަނޑައި ވަނީ 1.9 ޕަސެންޓުގެ ކުރިއެރުމަކާ އެކު 1.6 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި، ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 949 މިލިއަން ރުފިޔާ ހޯދައި، 2024 އަށް ވުރެ 0.4 ޕަސެންޓުގެ ކުރިއެރުމެއް ހޯދި އެވެ.
ދިރާގުން މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 8.70ރ. ދިނުމަށް ހުށަހަޅައި ފާސްކޮށްފައި ވާއިރު، އޭގެ ތެރޭގައި 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66ރ. އާއި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04ރ. ހިމެނެ އެވެ.