ދެ ހާސް ތިރީސް ވަނަ އަހަރާ ހަމައަށް އަންނަ ދާއިރު، ޑިޖިޓަލް އިކޮނިމީން ޖީޑީޕީގެ 15 ޕަސެންޓަށް ކޮންޓްރިބިއުޓް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕޭޕަލްގެ ހިދުމަތް އުރީދޫ އެމްފައިސާ މެދުވެރިކޮށް ރާއްޖެއަށް ތައާރަފްކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަކީ ހަމައެކަނި ޓެކްނޮލޮޖީ ނޫން ކަމަށާއި މިއީ ފުރުސަތުތައް ފަހިކޮށްދީ، ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމާއި ޓްރާންސްޕޭރަންސީ އާއި ގަވަނަންސް ވަރުގަދަކޮށް އިކޮނޮމިކް ކުރިއެރުމަށް އާ މަގުތައް ފަހިކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
"މޯލްޑިވްސް 2.0 އަށް ރައީސްގެ ތަސައްވުރަކީ ޑިޖިޓަލީ ބާރުވެރި، ގްލޯބަލީ ކަނެކްޓަޑް އަދި އިކޮނޮމިކަލީ ރިޒެލިއަންޓް ގައުމެއް ބިނާކުރުން. ޕޭޕަލްއާ އެކު އަޅުގަނޑުމެންނަށް މި އަމާޒަށް ވާސިލްވެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސްމާޓް ޕަބްލިކް ހިދުމަތްތަކާއި، ޕޭޕަލް ފަދަ ޑިޖިޓަލް ޕޭމަންޓުތަކާ އެކު ގްލޯބަލް މާކެޓުން ދިވެހިންނަށް ފުރުސަތުތައް ލިބި، 2030 ވަނަ އަހަރާ ހަމައަށް އަންނަ އިރު ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީން ޖީޑިޕީގެ 15 ޕަސެންޓަށް ކޮންޓްރިބިއުޓް ކުރާނެ ކަމަށެވެ.
ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވަނީ މިއީ ރާއްޖޭގެ އިނޮވޭޓަރުންނާއި ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިން މިފަދަ ޕްލެޓްފޯމަކަށް އެދި އިންތިޒާރުކުރަމުންދާތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި މި ފަދަ ޕްލެޓްފޯމެއް ގެނައުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރުމާ އެކު މިއީ ނުވާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި ކަމަށާއި އެކަން ބަދަލުކުރުމުގެ މަސައްކަތް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވި އެވެ.
އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އާ ކްރިއޭޓާ އިކޮނޮމީއެއް ބިނާކުރާނެ ކަމަށް ވިދާޅުވުމަށް ފަހު، ވެރިކަމާއި ހަވާލުވެ ވަޑައިގެން އެ މަސައްކަތް ފެއްޓެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، މިއަދު ފެށި ޕޭޕަލްގެ ހިދުމަތް ރާއްޖެ ތައާރަފްކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރު ކަމަށެވެ. އަދި އެ މަސައްކަތުގެ ފުރަތަމަ ހަ މަސް ދުވަހު މާ ބޮޑު ކުރިއެރުމެއް ނުލިބި އޮތުމަށް ފަހު، 2024 ވަނަ އަހަރު ސަރުކާރުން ޕޭޕަލްގެ ސީއީއޯއަށް ރާއްޖެއަށް މިހިދުމަތް ތައާރަފްކުރުމަށާއި، މި މަސައްކަތުގެ ސަޕޯޓަށް އެދި ޕޭޕަލްގެ ސީއީއޯއަށް ރިކުއެސްޓު ކުރި ކަމަށް ވިދާޅުވި އެވެ. އެއަށް ފަހު، ހަމަ އެ އަހަރު، ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް ޑިސްކަޝަންތަކުގެ ސަބަބުން ޕޭޕަލްއާ އެކު އިތުރު މަޝްވަރާތައް ފެށުނު ކަމަށާއި ހަމަ އެ އަހަރު ސަރުކާރުން ރަސްމީކޮށް ޕްރޮޕޯޒަލް ހުށަހެޅި ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން 2025 ވަނަ އަހަރު ވަނަ އަހަރު އުރީދޫ އަކީ ޕޭޕަލްގެ ޕަޓްނަރުގެ ގޮތުގައި ކަނޑައެޅިގެން ދިޔަ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މިއަދު ފާހަގަކުރާ ޕޭޕަލްގެ ލޯންޗިން އަކީ ގިނަ ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު ދެކެމުން ދިޔަ އުއްމީދެއް ކަމަށެވެ.