ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ހާއްސަކޮށް ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ އިންވެސްޓްމަންޓް ވެހިކަލް ކަމަށްވާ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު (ދިނަފް) ފުރަތަމަ ސީރީޒް ނުވަތަ ޓްރާންޗު ކާމިޔާބުކަމާ އެކު ނިންމާލައި، ދެ ވަނަ ސީރީޒް (ދިނަފް-48)އަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިނަފްއަކީ އިންވެސްޓްކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިންވެސްޓްކުރާނެ ތަފާތު މާލީ މަގުތައް ތަނަވަސްކޮށް ދިނުމަށް އުފެއްދި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އިން ބަލަހައްޓާ ފަންޑެކެވެ. ދިނަފްގެ ފުރަތަމަ ޓްރާންޗު، 'ދިނަފް-36'ގެ ގޮތުގައި 6 މަހާއި 3 އަހަރާ ދެމެދުގެ ޝޯޓް ޑިއުރޭޝަން ޑެޓް އިންސްޓްރޫމަންޓް އިންވެސްޓްމަންޓްއަށް ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ.

މި ފަންޑުގެ މައިގަނޑު އަމާޒަކީ އިންސްޓިޓިއުޝަނަލް އަދި ކޮލިފައިޑް އިންވެސްޓަރުންނަށް ވާދަވެރި ފައިދާއެއް ހޯދައިދިނުމާއެކު، ރާއްޖޭގެ ޕްރައިވެޓް ކެޕިޓަލް މާކެޓް ފުޅާކުރުމެވެ. މި ފަންޑުން މައިގަނޑު ގޮތެއްގައި އިންވެސްޓް ކުރަނީ ފަސް އަހަރަށް ވުރެ ކުރު މުއްދަތުތަކުގެ ޓޫރިޒަމް، ރިއަލްއެސްޓޭޓް، އިންފްރާސްޓްރަކްޗާ އަދި ޓްރޭޑް ފައިނޭންސް ދާއިރާގެ މަޝްރޫއުތަކަށެވެ. 

ދިނަފް-36 ކާމިޔާބުކަމާ އެކު ނިންމާލީ، އެންމެ ޑިފޯލްޓަކާ ވެސް ނުލައި، ކަނޑައަޅާފައިވާ ސުންގަޑިތަކުގައި އިންވެސްޓަރުންނަށް ނަފާ ދެމުންނެވެ.  އެ ޓްރާންޗުން އަމާޒުކުރި 20 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ހަމަކުރަން ނެގީ 8 މަސް ދުވަހެވެ.

ދިނަފް-36 ކާމިޔާބުކަމާ އެކު ނިންމާލުމަށްފަހު 'ދިނަފް-48'ގެ ނަމުގައި ދެ ވަނަ ސީރީޒްއެއް އިއްޔެ ވަނީ އިފްތިތާހުކޮށްފަ އެވެ. މި ޓްރާންޗުގައި އަމާޒު ހިފާފައިވަނީ 40 މިލިއަން ރުފިޔާ ހޯދުމަށެވެ.

ދިނަފް-48ގައިި އިންވެސްޓުކުރަން ލިބޭ މުއްދަތަކީ 6 މަހާއި 4 އަހަރާ ދެމެދެވެ. އެ މުއްދަތުގައި ނަފާ ލިބޭ ގޮތަކީ:

  • 6 މަސްދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް 10.50 ޕަސެންޓާއި ހަމައަށް
  • 12 މަސްދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް 11 ޕަސެންޓާއި ހަމައަށް
  • 2 އަހަރުގެ އިންވެސްޓްމަންޓަށް އަހަރަކަށް 11.50 ޕަސެންޓާއި ހަމައަށް
  • 3 އަހަރުގެ އިންވެސްޓްމަންޓަށް އަހަރަކަށް 12 ޕަސެންޓާއި ހަމައަށް
  • 4 އަހަރުގެ އިންވެސްޓްމަންޓަށް އަހަރަކަށް 12.25 ޕަސެންޓާއި ހަމައަށް

"ދިނަފް-48" ގައި ބައިވެރިވުމުގެ ފުރުސަތު އިންސްޓިޓިއުޝަނަލް އަދި ކޮލިފައިޑް އިންވެސްޓަރުންނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ފަންޑުގައި އެންމެ މަދުވެގެން އިންވެސްޓް ކުރެވޭނެ އަދަދަކީ 50,000 ދިވެހި ރުފިޔާ އެވެ.

'ދިނަފް' ބަލަހައްޓައި ޑީއައިޕީ އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ނެރުނު ފުރަތަމަ ބޮންޑު ކަމަށްވާ ފެޑޯގެ ބޮންޑުގެ ލީޑް އެރޭންޖާ އަދި ޕްރިންސިޕަލް އެޑްވައިޒަރުގެ ގޮތުގައިވެސް މަސައްޓަތް ކޮށްފައިވާ ކުންފުންޏެވެ.