މާލީ އެކި އިދާރާތައް ބައިވެރިވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކްސްޕޯ ހުޅުއްވައިދެއްވުމަށް ފަހު އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުން ދޭ މައުލޫމާތާއި ހިދުމަތްތައް ބައްލަވާލައްވައިފަ އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މާލީ ދާއިރާގެ 30 ފަރާތަކުން ބައިވެރިވެ އެވެ.
ނުވަ އަހަރަށް ފަހު އަނެއްކާ ވެސް މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ ބޭނުމަކީ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ އާންމުން ގުޅުވައިދީ، މާލީ ހޭލުންތެރިކަމާއި އާ އީޖާދުތައް ދައްކާލުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުންޏެވެ.
ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ހަވީރު 10:00 އަށް އެކްސްޕޯ ކުރިއަށްދާނެ އެވެ. އެ އެކްސްޕޯއަށް ދާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ގިނަ އަދަދެއްގެ އިނާމު ދޭން ވެސް ވަނީ ނިންމާފަ އެވެ. އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ވަނީ 25،000ރ. އެވެ.
މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ފަސް އައިޕެޑާއި 5،000ރ. ގެ ހަނދާނީ ނޫޓުގެ ހަތް ނޫޓު ދޫކުރާނެ އެވެ. މީގެ އިތުރުން ދެ މެކްބުކާއި ދެ އެޕަލް އެއާޕޮޑްގެ އިތުރުން ގެސްޓްހައުސްއެއްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޕެކޭޖެއް ވެސް އެކްސްޕޯގެ ތެރެއިން ލިބޭނެ އެވެ. އަދި 5،000ރ. ތިން ގިފްޓް ކާޑާއި 1،000ރ. ގެ 12 ގިފްޓް ކާޑުގާއި 500ރ. ގެ 36 ގިފްޓް ކާޑު ވެސް އެކްސްޕޯއަށް އަންނަ ފަރާތްތަކަށް ލިބޭނެ އެވެ.
މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު" އެވެ.
އެކްސްޕޯގެ ސްޓޯލްތަކުގެ އިތުރުން މާލީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ އެވެ. އެ ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރު ކުރުމާއި، މާލީ ހޭލުންތެރިކަން އިތުުރުކުރުމާއި މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.
މާލީ ހަރަކާތްތަކުގެ އިތުރުން އެކްސްޕޯގައި ކާބޯތަކެތީގެ ސްޓޯލްތަކާ އެކު ފުޑް ފެސްޓިވަލެއް ވެސް އޮންނާނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ހަވީރުގެ ވަގުތުތަކުގައި އޮންނާނެ އެވެ. މާދަމާ ރޭ ހަވާ އެރުވުމުގެ ހަރަކާތެއް ވެސް އެކްސްޕޯގެ ތެރެއިން އޮންނާނެ އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އެންމެ ފަހުން ބޭއްވީ 2017 ވަނަ އަހަރު އެވެ. އެ އެކްސްޕޯއަށް ވެސް ގިނަ އަދަދެއް މީހުން ޒިޔާރަތްކޮށްފައިވެ އެވެ.