ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓަކު، އޭނާ ދާން ނިންމި ރިސޯޓަށް ދިއުމަށް ބޭނުންވާ ސީޕްލޭން ދަތުރާއި ސްޕީޑް ބޯޓު ދަތުރާއި އެކްސްކާޝަންތަކަށް ކުރާ ހޭދައިގެ ޕޭމަންޓްތައް އެޕްލިކޭޝަން ޕްރޮގްރާމް އިންޓަފޭސް (އޭޕީއައި) އެއް މެދުވެރިކޮށް އެއްފަހަރާ ދައްކާލެވުމަކީ ކިހާ ބޮޑު ފަސޭހައަކަށްވާނެ ހެއްޔެވެ؟ މިކަން ވާނީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރާ މީހުން ރާއްޖެ އައުމަށް ނުވަތަ ގެނައުމަށް އިތުރު ހިތްވަރަކަށެވެ. މިއީ ރާއްޖެއަށް އާ ކަމެއް ނަމަވެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ އޭޕީއައި ނިޒާމުތައް ޓެސްޓްކޮށް ބޭނުން ކުރަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަހުމަދު ޝަރީފު ރާއްޖޭގެ މާލީ ދާއިރާ، ކުރިއަށް އޮތް ފަސް އަހަރުގެ ކުރިމަގު ސިފަކުރެއްވީ ވެސް އެފަދަ ގޮތަކަށެވެ. ކުރިއަށް އޮތް ފަސް އަހަރު އާންމުން އުޅޭނީ ޕޭމަންޓްތައް ދެއްކުމަށް އެކި ވެބްސައިޓްތަކަށް ނުވަދެވި، ނުވަތަ އެކަން ނުކުރެވިގެނެއް ނޫނެވެ. އެކަމަކު ކާޑު ނަންބަރު ނުޖަހައި، "ޔެސް" އެކަނި ބުނެލައިގެން، ޕޭމަންޓް އޭޕީއައިއެއްގެ އެހީގައި، ބޭނުންވާ ހުރިހާ ބިލްތަކެއް އަދި ޕޭމަންޓްތަކެއް ދެއްކޭ ނިޒާމެއްގެ ތެރޭގަ އެވެ. "ސީމްލެސް" ނުވަތަ ލުައިފަސޭހަކަމާ އެކު ބޭނުންވާ ކަމަކަށް ފަސޭހައިން ފައިސާ ދެއްކޭނެ އެވެ.
ޝަރީފު ވިދާޅުވީ، ރާއްޖޭގައި މާލީ ދާއިރާއާ ގުޅޭ ޓެކްނޮލޮޖީތައް ތަރައްގީވަމުން އަންނަ އިރު، ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އެހިސާބަށް ދާން ޖެހޭ ކަމަށެވެ. މިސާލަކަށް، ޓޫރިސްޓް ރިސޯޓެއްގެ ވެބްސައިޓް ވާން ޖެހޭނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރީޑަބަލް ވެބްސައިޓްތަކަށް ކަމަށް އޭނާ ފާހަގަކުރި އެވެ. އޭރުން އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރާ ފަރާތްތަކަށް ވެސް ރާއްޖޭގެ ވެބްސައިޓްތަކަށް ފަސޭހައިން އެކްސެސް ވެވޭނެ އެވެ.
"މިއީ މިހާރު ވެސް ހިނގަމުންދާ ކަމެއް. އެޓެންޓިވް ކޮމާސްއަކީ ތަރައްގީ ބައެއް ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެއް. ވީޒާ އާއި މާސްޓަ ކާޑުން ވެސް މިފަދަ ޓެކްނޮލޮޖީތައް މިހާރު ވެސް އެބަ ބޭނުން ކުރޭ. އެހެންވެ، އޭއައި އަކީ މާލީ ދާއިރާގައި ވެސް ކުރިއަށް އޮތް މުސްތަގްބަލް،" އޭނާ ވިދާޅުވި އެވެ.
އޭއައި މެދުވެރިކޮށް މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތައް އަންނަ އިރު އޭއައި މެދުވެރިކޮށް ނާޖައިޒް ބޭނުން ކުރުމުގެ ފުރުސަތުތައް އެބައޮތެވެ. ޕޭމެންޓް ނިޒާމުތަކުގެ ތެރެއިން އެފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި މާލީ ދާއިރާގެ ފަރާތްތަކުން އެންމެ ބޮޑަށް އިންވެސްޓް ކުރަން ޖެހޭނީ ސެކިއުރިޓީ ވަރުގަދަ ޕޭމަންޓް ސިސްޓަމްތައް އުފެއްދުމަށެވެ. ޝަފީރު ވިދާޅުވި ގޮތުގައި، އެ ބޭންކުން ވެސް، އަދި ރާއްޖޭގެ އެހެން ބޭންކްތަކުން ވެސް ސެކިއުރިޓީ ނިޒާމު ހަރުދަނާކޮށް ވަރުގަދަކުރުމަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަންޖެހެ އެވެ.
އެޓެންޓިކް ކޮމާސްގެ އިތުރުން، ދެން ފެންނާނެ އެންމެ ބޮޑު ބަދަލަކީ ސްޓޭބަލް ކޮއިންސް ނުވަތަ ކްރިޕްޓޯ ކަރެންސީ އާންމުވެ، ބޭނުން ކުރަން ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަށް އަންނަ ޓޫރިސްޓަކު ބޭނުންވެދާނެ، އޭނާ ހޯދާ ހުރިހާ ހިދުމަތަކަށް ސްޓޭބަލް ކޮއިންސްއަކުން ޕޭމެންޓް ހަދަން. އެހެންވެ، އެފަދަ ކަރެންސީ އަކީ ބަލައިގަންނަ އެއްޗަކަށް ވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރަކީ، ދުނިޔޭގައި ވެސް ޓެކްނޮލޮޖީގެ ދާއިރާ މިދިޔަ 30 އަހަރު ތެރޭ ކުރި ނާރާ ވަރަށް، އަވަހަށް ގިނަ ބަދަލުތަކާ އެކު ކުރިއަރައިގެންދިޔަ ފަސް އަހަރު ކަމަށާއި އެ ބަދަލުތަކަށް މާލީ އިދާރާތަކުން ކުރިއަށް އަށް ވުރެ އަވަހަށް އެޑޮޕްޓް ކުރުމަށް ނުވަތަ އެކަންކަން ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިދިޔަ ފަސް އަހަރު އެ ބޭންކުން ވެސް އެފަދަ މުހިއްމު ބަދަލުތައް ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބޭންކަށް އެންމެ ޒަމާނީ ޑިޖިޓަލް ހިދުމަތްތައް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްރޯޑް މެނޭޖްމަންޓް ސިސްޓަމްތައް ބޭނުންވޭ
އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ، އޮޓޮމޭޓެޑް ޕޭމެންޓް ނިޒާމެއް ރާއްޖޭގައި އުފެދިގެން ދިއުމަކީ އޭނާ ވެސް އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށެވެ.
މިހާރު ފަސް ބިލެއް ދައްކާ ނަމަ، އެކަން ކުރުމަށް ފަސް އެޕްލިކޭޝަނަށް ނުވަތަ ވެބްސައިޓަށް ވަންނަންޖެހެ އެވެ. އެކަމަކު އެކަން ކުރަން ވަގުތެއް މީހުންނަކަށް ނޯވެ އެވެ. ބިޒީ ދިރިއުޅުމާއި އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރަމުން ކޮންމެ އެޕްލިކޭޝަނަކަށް ވަދެ، ފައިސާ ދެއްކުމަކީ މިހާރު ވެސް ބޮޑުކަމެކެވެ.
ރިޒާ ވިދާޅުވީ، އާންމުންނަށް ވީ އެންމެ ފަސޭހައަކުން ފައިސާ ދެއްކޭނެ ގޮތްތައް ހިދުމަތްދޭ ފަރާތްތަކުން ވެސް ހޯދައިދޭން ޖެހޭ ކަމަށެވެ. އެކަންކަން ކުރަން މިހާރުން ފެށިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކިތައް ހިދުމަތްދޭ ފަރާތްތަކުންތޯ ރާއްޖޭގައި އޭޕީއައި ހިދުމަތްދެނީ. އެކަން ވާން ވަރަށް ބޭނުން. އޮޓަމޭޑެޓް ޕޭމެންޓް ނިޒާމަށް ދާން، އޭޕީއައި އިންޓަގްރޭޝަން މިއަދު ވާންޖެހޭ ކުރަން ޖެހޭ. މިއީ ފަސް އަހަރު ފަހުން ކުރަން ޖެހޭ ކަމެއް ނޫން. އެކަން ކުރަންވީ މިއަދު،" އޭނާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ، އޮޓަމޭޓެޑް ސިސްޓަމްތަކަށް ދާން، ސައިބާ ސެކިއުޓީ ޕޮލިސީ އާއި ފްރޯޑް މެނޭޖްމެންޓް ސިސްޓަމްތައް ވެސް ބޭނުންވާ ކަމަށެވެ.
އެކަން ހާސިލްވާނީ، ހުރިހާ ފަރާތްތަކުން ވެސް އެއް ސިސްޓަމެއްގެ ތެރެއަށް އިންޓަގްރޭޓް ވެގެންނެވެ. ހަމައެކަނި ބޭންކްތަކާއި މާލީ އިދާރާތަކުގެ އިތުރަށް، އެކި ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކެއްގެ ސިސްޓަމްތައް އެފަދަ ނިޒާމަކާ ރައްޓެހި ސިސްޓަމްތަކަށް ހަދަން ޖެހެ އެވެ.
ރިޒާ ވިދާޅުވީ، ޓެކްސް ދެއްކުމުގައި ވެސް ޑިއުވާ ދުވަހު، އޮޓަމެޓިކް ނިޒާމެއްގެ ތެރެއިން ދައްކަން ޖެހޭ އަދަދު، އެކައުންޓުން ކެނޑޭ ސިސްޓަމަކަށް ހަދަން ޖެހޭ ކަމަށެވެ. ބިލްތައް ވެސް ޑިއު ޑޭޓްތަކުގައި އެމީހެއްގެ ކޭޝް ފްލޯއަށް ބުރޫ ނާރާ ގޮތަށް ދެއްކޭނެ ގޮތެއް ވާން ޖެހޭ ކަމަށެވެ. އެފަދަ ކަންކަން އޭއައި އޭޖެންޓުން މެދުވެރިކޮށް ކުރެވޭނެ އެވެ.
މިކަމާ ގުޅޭ ގޮތުން އެސްއެމްއީ ބޭންކްގެ ސީއީއޯ ބަދުރުﷲ ހަސަން ވިދާޅުވީ، ރާއްޖޭގައި މާކެޓް ޕްލޭސަސް އުފައްދާ އިރު ބޭންކްތަކުން ވެސް ޕޭމަންޓް ގޭޓްވޭ ހިދުމަތްތައް އެފަދަ ތަންތަނަށް ދޭން ޖެހޭ ކަމަށެވެ.
"ވިޔަފާރިވެރިންނަށް ވެސް ބޭންކިން ހިދުމަތްތައް ފަސޭއިން ބޭނުން ކުރެވޭނެ. އޭއައި އާ އެކު ބްލޮކްޗެއިން ހިދުމަތްތައް [ޑިޖިޓަލް ޓްރާސްސެކްޝަން ރެކޯޑިން ސިސްޓަމް] ފޯރުކޮށްދޭންޖެހޭ،" އޭނާ ވިދާޅުވި އެވެ.
މާލީ ޒަމާނީ ސިސްޓަމަށް އަދިވެސް ހޭލުންތެރިވާންވީ
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި 90،000 އަށް ވުރެ ގިނަ މީހުން އީވޮލެޓް ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކްޓިވްކޮށް ބޭނުން ކުރަނީ ގާތްގަނޑަކަށް 28،000 އެކައުންޓެވެ. އެހެންވެ އެއީ ނިސްބަތުން މަދު އަދަދެކެވެ.
އުރީދޫގެ ހެޑް އޮފް ފިންޓެކް އަހުމަދު ނުއުމާން ވިދާޅުވީ، މިއީ ހަމައެކަނި ޓެކްނޮލޮޖީ ވަރުގަދަކޮށްގެން ނުވަތަ އޭގެ އިންފްރާޓްރަކްޗާ ކުރިއަށް ގެންގޮސްގެން އެކަނި ހާސިލްވާނެ ކަމެއް ނޫން ކަމަށެވެ. ޓެކްނޮލޮޖީ ކުރިއަރާ ވަރަށް އެއަށް އާންމު ވެސް ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮވިޑަށް ފަހު ރާއްޖޭގެ މާލީ ދާއިރާގައި ޕޭމަންޓް ހެދުމުގެ ވައްޓަފާޅި އެއްކޮށް ބަދަލުވެފައިވާ ކަމަށާއި މިދިޔަ ފަސް އަހަރުން ރާއްޖޭގެ މާލީ ދާއިރާއަށް ބޮޑު ޓްރާންސްޕޮމޭޝަނެއް ވެސް އައިފައިވާ ކަމަށެވެ. އެހެންވެ، އެއީ ކުރިއަށް އޮތް ފަސް އަހަރު އިތުރު ހަރުފަތަކަށް ދާން އޮތް ފުރުސަތެކެވެ.
ޑިޖިޓަލް ޕޭމަންޓް ނިޒާމާއި އާ ފިންޓެކް ޓެކްނޮލޮޖީތަކަށް ދިވެހިންގެ ތެރެއަށް މަޑުމަޑުން މިހާރު މި ދަނީ އަންނަމުންނެވެ. އެކަމަކު، އަދިވެސް ސަރުކާރުގެ ތެރެއިންނާއި ހިދުމަތް ފޯރުކޮށްދޭ، މައި އިދާރާތަކުގެ ސިސްޓަމްތައް ހުރީ، އެންމެ ޒަމާނީ ހިދުމަތްތައް އެޑަޕްޓް ކުރެވޭ ގޮތަކަށް ނޫނެވެ. އެހެންވެ، އެއީ އެންމެ ފުރަތަމަ އިސްލާހުކުރަން ޖެހޭ ކަންކަމެވެ.
ދިވެހިންނަކީ އާ ޓެކްނޮލޮޖީއަށް ފަސޭހައިން އަހުލުވެރިވެ، ދަސްކުރާ ބައެއް ނަމަވެސް، މާލީ ދާއިރާ ނުވަތަ ފައިނޭންޝަލް ލިޓްރަސީ އަދިވެސް ދަށް ކަމަށް ޕެނަލްގައި ބައިވެރިވި، ބޭންކިން ދާއިރާގެ ފަރާތްތަކުން ފާހަގަކުރި އެވެ.
ތަރައްގީވެފައިވާ ގައުމުތައް ކަމަށްވާ ޗައިނާ، އެމެރިކާ ސައުތު ކޮރެއާ އާއި ސިންގަފޫރު އަދި ޖަޕާން ފަދަ ގައުމުތަކުގައި ބޭނުންކުރާ ފަދަ ޕޭމަންޓް ސިސްޓަމްތައް، ރާއްޖޭގައި ބޭނުން ކުރުމަށް ނުވަތަ އެ ހިސަބަށް ދިއުމަށްޓަކައި އެކަމާ ގުޅޭ ގާނޫނާއި ގަވައިދުތައް ވެސް އުފެދިފައި ހުރުން ވަރަށް މުހިންމެވެ. އެހެންވެ، "އިންވިޒިބަލް ޕޭމަންޓް" ނިޒާމަށް ދާން ބޭނުންވާ ގާނޫނާއި ގަވައިދު އެންމެ ފުރަތަމަ އުފައްދަންވީ އެވެ.