މިދިޔަ އަހަރު އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ލިބުނު ފައިދާއަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 88 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުންފުނީގެ ފައިދާ އެންމެ ބޮޑަށް ދަށްވި ފަހަރެވެ.
އެ ކުންފުންޏަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި 232 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކުންފުނީގެ ފައިދާ 2024 ވަނަ އަހަރަށް ވުރެ އިތުރުވި އިރު އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު ވަނީ، އެއް ޕަސެންޓަށް ދަށްވެފަ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީސީސީގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކޮންސްޓްރަކްޝަން އާއި ޑްރެޖިން މަސައްކަތްތަކެވެ. އެ މަސައްކަތްތަކުން އެކުންފުންޏަށް 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ޓްރޭޑިން އިން 244 މިލިއަން ރުފިޔާ ލިބުނެވެ. އާމްދަނީ އޯވަރޯލްކޮށް ކުޑަ ދަށްވުމެއް އައިސްފައިވަނީ ޓްރޭޑިން ދާއިރާގެ އާމްދަނީ ދަށްވުމުންނެވެ.
މިދިޔަ އަހަރު ދަތުރުފަތުރުގެ ދާއިރާއިން 150 މިލިއަން ރުފިޔާ ލިބުނެވެ.
އެޑްމިނިސްޓްރޭޓިވް ހަރަދުތައް މިދިޔަ އަހަރު ވަނީ ހަ ޕަސެންޓަށް އިތުރުވެފަ އެވެ. އެފަދަ ހަރަދުތަކަށް 367 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެމްޓީސީސީން 2024 ވަނަ އަހަރު އެކަމަށް ހޭދަކޮށްފައިވަނީ 347 މިލިއަން ރުފިޔާ އެވެ. ހިންގުމުގެ ހަރަދުތައް އިތުރުވި އިރު މާކެޓިން ހަރަދު ވަނީ 20 މިލިއަން ރުފިޔާ އިން 13 މިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ.
ކުންފުނީގައި މަސައްކަތް ކުރާ 5،395 މުވައްޒަފުންގެ މުސާރަ ދިނުމަށާއި އެހެން އެލަވަންސްތަކަށް ވަނީ 814 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 65 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މުވައްޒަފުންގެ މުސާރަ އާއި އެލަވަންސާއި އެހެން އިނާޔަތްތަކަށް 2024 ވަނަ އަހަރު 749 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.