އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ފްލެޓުތަކުގެ ކުޑަދޮރާއި ބެލްކަނި ރެއިލިން މަރާމާތުކުރަން ބޭނުންވާ މީހުން އެހީއަށް އެދުމަށް މިއަދު ހުޅުވާލައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރަން އެ އިމާރާތްތަކުގެ ބެލްކަނީ ރެއިލިން ފަދަ ތަންތަން ހުރީ ގަވައިދާ އެއްގޮތަށް ތޯ ކަށަވަރުކޮށް، އެ ފަދަ ތަންތަން ގަވައިދަށް ފެއްތުމަށް ނުވަތަ މަރާމާތުކުރަން އާއްމުންނަށް ބޭނުންވާ އެހީތެރިކަން، އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފެށި މަސައްކަތުގައި އެ ފަދަ ތަންތަން މަރާމާތުކުރަން އެހީތެރިކަން ބޭނުންވާ މީހުން މި މަހުގެ 30 ގެ ކުރިން ފޯމު ހުށަހަޅަން ވަނީ މުއްދަތު ދީފަ އެވެ.
އެކަމަށް އެޗްޑީސީން ވަނީ ގޫގުލް ފޯމެއް ތައްޔާރުކޮށްފަ އެވެ.
އިއުލާނުގައި ބުނީ މަރާމާތުކުރަން ލިބޭ ހުށަހެޅުންތައް ބަލައި، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
އެޗްޑީސީ އަދި އެފްޑީސީން ބަލަހައްޓާ ފްލެޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައި މި ވަނީ ސްޓެލްކޯގެ ފްލެޓް އިމާރާތެއްގެ 12 ވަނަ ބުރިން، ދެ އަހަރުގެ ކުއްޖަކު މިދިޔަ އަންގާރަ ދުވަހު ވެއްޓި ނިޔާވެފައި ވަނިކޮށެވެ. އަދި އޭގެ އެއް ދުވަސް ކުރިން އެފްޑީސީގެ ފްލެޓަކުން އުމުރުން 16 އަހަރުގެ ކުއްޖަކު ވެއްޓިފައިވެ އެވެ. އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ހުޅުމާލެ 1 އާ ހިލާފަށް ހުޅުމާލެ 2 ގައި އުސް އިމާރާތްތައް ގިނަވެ، ހަލުވިކަމާ އެކު އާބާދީ އިތުރުވަމުން ދާއިރު އުފެދޭ މައްސަލަތައް ވެސް ދަނީ ބޮޑުވަމުންނެވެ.