ތަދުތަކުގެ އެކި ފަރުވާތަކަށް ހާއްސަ ޕެއިން ކްލިނިކަށް ފުލުހުންގެ ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން ހިދުމަތް ދޭން ފަށައިފި އެވެ. 

މި ސްކީމު އެ ކްލިނިކަށް ތައާރަފްކުރުމާ ގުޅިގެން ފުލުހުންގެ އިތުރުން އެ ފަރާތްތަކުގެ އާއިލާތަކަށް ޕެއިން މެނޭޖުމަންޓުގެ އެކި ހިދުމަތްތަކަށް ކަވަރެޖް ލިބޭނެ ކަމަށް ބުންޏެވެ.

މިއީ ޕެއިން ކްލިނިކުގެ ހިދުމަތްތައް ގިނަ ފަރާތްތަކަކަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެ ކްލިނިކުން ކުރާ މަސައްކަތްތަކުގެ ދަށުން ތައާރަފްކުރި އިންޝުއަރެންސް ސްކީމެއް ކަމަށް އެ ކްލިނިކުން ބުންޏެވެ. އަދި އެ ކްލިނިކުން މަސައްކަތް ކުރަނީ މި ފަދަ އެކި އިންޝުއަރެންސް ސްކީމުތައް މެދުވެރިކޮށް، ގިނަ ބަޔަކަށް ހިދުމަތްތައް ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް ބުންޏެވެ. 

ޕެއިން ކްލިނިކަކީ އެކިއުޓް އަދި ކްރޮނިކް ތަދުތަކަށް ބޭނުންވާ ސްޕެޝަލިޓް ކޮންސަލްޓޭޝަނާއި ބަލި ހާލަތު އެސެސްކޮށް، ބަލިމީހުން ބޭނުންވާ ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝަން ފޯރުކޮށްދޭ ތަނެކެވެ. ތަދު މެނޭޖުކުރުމަށް ދޭ ޒަމާނީ އެކި ފަރުވާތައް ދެ އެވެ. އެގޮތުން ނާރުގެ ތަދުތަކާއި ހުޅުހުޅުގެ ތަދުތަކާއި ކަނދުރާގެ ތަދުތަކާއި އެކި މަސްކިއުލޯސްކެލެޓަލް ކޮންޑިޝަންތަކަށް ހާއްސަކޮށް ސީ-އާމް އިމެޖް ގައިޑަޑް އިންޓަވެންޝަނާއި ރޭޑިއޯ ފްރީކުއެންސީ (އާރްއެފް) ޓްރީމަންޓު ފަދަ އެކި ޓްރީޓްމަންޓުތައް އެ ކްލިނިކުން ދެ އެވެ. 

ޕެއިން ކްލިނިކްގެ އަމާޒަކީ އެއް ތަނަކުން ކޮންސަލްޓޭޝަނާއި ފިޒިއޮތެރަޕީގެ އިތުރުން އެޑްވާންސްޑް އިންޓަވެންޝަނަލް އެކި ފަރުވާތަކާ އެކު ތަދު މެނޭޖުކުރުމަށް ހޮލިސްޓިކް، ވަށާޖެހޭ ސިސްޓަމެއްގައި ތަދު މެނޭޖުކޮށް، ތަދުތައް ހައްލުކުރުމަށް ބޭނުންވާ އެކި ފަރުވާތައް ފޯރުކޮށްދިނުމެވެ. 

ޕެއިން ކްލިނިކުގައި ޕޮލިސް ހެލްތު އިންޝުއަރެންސްގެ އިތުރުން އެމްއެންޑީއެފް އިންޝުއަރެންސް ސްކީމާއި އާސަންދައަށް ވެސް ހިދުމަތް ލިބެ އެވެ.

މި ތަން ހުންނަނީ ގ. ހިޔާކުރި ގޭގެ 4 ވަނަ ފްލޯގަ އެވެ.