ވިލާ ކޮލެޖަށް ސެޕްޓެމްބަރު 2026ގެ އިންޓޭކުގައި އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމަށާއި، ދަރިވަރުން ކިޔަވަން ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި ކޮލެޖުގެ މާހައުލާއި ދަރިވަރުންނަށް ފޯރުކޮށްދޭ އެކި ހިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ހިންގާ އޮރިއެންޓޭޝަން ހަފްތާ ފަށައިފި އެވެ.
'އޯ-ވީކް' ގެ ނަމުގައި ހޯމަ ދުވަހު ފެށި މި ހަރަކާތް ކުރިއަށް ދާނީ މިއަދުގެ ނިޔަލަށެވެ. މި ހަރަކާތުގައި ދަރިވަރުން ކެމްޕަހަށް ގޮސްގެންނާއި އޮންލައިންކޮށް ބައިވެރިވެވޭނެ އެވެ.
ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ހަރަކާތްތަކުގައި، ކޮލެޖުގެ އެކި ފެކަލްޓީތަކުގެ އާ ދަރިވަރުން އެ ދަރިވަރުންގެ ލެކްޗަރާއިންނާއި އެކުގައި ކިޔަވާ ދަރިވަރުންނާއި ބައްދަލުވެ، ކެމްޕަހުގެ ވަސީލަތްތަކާއި ދަރިވަރުންނަށް ލިބެންހުރި ތަފާތު ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އޯ-ވީކުގެ މައިގަނޑު އަމާޒަކީ ކިޔެވުމުގެ ފުރަތަމަ ލެކްޗަރަށް ދަރިވަރުން ހާޒިރުވުމުގެ ކުރިން، ކެމްޕަހުގެ މާހައުލަށާއި، ދަރިވަރުންނަށް ލިބެންހުރި އެހީތެރިކަމުގެ ނިޒާމުތަކަށް ފުރިހަމައަށް އަހުލުވެރިވެފައިވާ ބަޔަކަށް އެ ދަރިވަރުން ހެދުމެވެ.
އެ އޮރިއެންޓޭޝަން ހަފްތާގެ ފުރަތަމަ ސެޝަން "އަންލޮކިން ޔޯ ޕޮޓެންޝަލް" ސެޝަން ކުރިއަށް ގެންދިޔައީ ވިލާ ކޮލެޖުގެ ވައިސް ރެކްޓާ އެސޯސިއޭޓް ޕްރޮފެސަރު ޑރ. އަލީ ނަޖީބެވެ.
ދަރިވަރުންގެ އަމަލީ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށްގެން ދިޔަ އެ ސެޝަނުގައި، ހަލުވިކަމާއެކު ބަދަލުވަމުންދާ ވަޒީފާގެ މައިދާނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ގްރެޖުއޭޓަކަށް ވުމަކީ ކޮބައިކަން ދަރިވަރުންނަށް ކިޔައިދިނެވެ. އަދި ކޮލެޖުގައި ހޭދަކުރާ މުއްދަތުގައި ލިބިގެންދާނެ ހުނަރުތަކާއި، ހޯދިދާނެ ތަޖުރިބާތަކާއި، ބިނާކުރެވިދާނެ ގުޅުންތަކުގެ އިތުރުން ދަރިވަރުންގެ ފަރާތުން މުޖުތަމައުއަށް ގެނެވޭނެ ހެޔޮ ބަދަލުތައް ކިޔައިދިނެވެ.
އޯ-ވީކުގައި ދަރިވަރުން ކިޔަވާ ފެކަލްޓީތަކާއި އެ ފެކަލްޓީތަކުގެ ކިޔަވައިދޭ ޓީމުތަކާ އެކު ކުރިއަށްދާ ސެޝަންތަކާއި، އެކަޑެމިކް ކައުންސެލިން ސެޝަންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ކިޔެވުމުގައި ކާމިޔާބީ ހޯދުމުގެ އުކުޅުތައް ދަސްކޮށްދޭ "އޭސް ޔޯ އެކަޑެމިކްސް" އާއި "ސްޓަޑީ ސްމާޓާ، ވޯކް ބެޓާ" ސެޝަންތަކުގެ އިތުރުން، ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ދަރިވަރުންގެ ދުޅަހެޔޮކަން ދެމެހެއްޓުމާއެކު، ކިޔެވުމާއި އަމިއްލަ ދިރިއުޅުމުގެ ހަމަހަމަކަން ހިފެހެއްޓުމަށް މަގުދައްކައިދޭ 'ސްޓޭ ވެލް، ސްޓޭ ބެލެންސްޑް' ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.
މި ހަރަކާތުގައި ކިޔެވުން ރަސްމީކޮށް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ "ގެޓް ޑިޖިޓަލީ ރެޑީ" ސެޝަންތަކުގައި، ދަރިވަރުންގެ ޑިޖިޓަލް އައިޑީ އެކްޓިވޭޓްކުރުމާއި، ކެމްޕަހުގެ ހިދުމަތްތައް ހޯދުމަށް ބޭނުންވާ އެކްސެސް ހަމަޖެއްސުމާއި، އޮންލައިން ލާނިން ޕްލެޓްފޯމްތައް ސެޓަޕްކޮށްދޭނެ އެވެ. އަދި ޓީމުތަކަށް ދަރިވަރުން ބަހާ، ކެމްޕަހުގެ އިމާރާތްތަކާއި، ލެބޯޓްރީތަކާއި އެހެނިހެން ވަސީލަތްތައް ހޯދައި ދެނެގަތުމަށް ބާއްވާ "ވީސީ މިސްޓްރީ" ޗެލެންޖުން ކިޔެވުން ފެށޭ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދަރިވަރުންނަށް ފަރިތަކަމާއި އެކު ކެމްޕަސް ތެރޭގައި އުޅެން ދަސްވެގެންދާނެ އެވެ.
އޮންލައިންކޮށް ބައިވެރިވާ ދަރިވަރުންނަށް ހާއްސަކޮށްގެން މި ހަރަކާތުގެ އޮންލައިން އެޑިޝަނަކާއި ކުދި ގޭމްތައް ކުރިއަށް ގެންދާއިރު، ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލައިވް މިއުޒިކާއި ކެރިއޯކީ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ވަނީ ހިމަނާފަ އެވެ.
ކިޔެވުން ނިންމައި ވަޒީފާގެ މައިދާނަށް ނުކުތުމަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން، ވިލާ ކޮލެޖުގެ ކުރީގެ ގްރެޖުއޭޓުން އެ މީހުންގެ ކިޔެވުމާއި ކެރިއާގެ ތަޖުރިބާތައް ހިއްސާކުރާ "ބިޔޯންޑް ދަ ކްލާސްރޫމް" ސެޝަންތަކާއި، ތަފާތު ދާއިރާތަކުގެ ވަޒީފާދޭ ފަރާތްތަކުން ގްރެޖުއޭޓުންގެ ކިބައިން ބޭނުންވާ މުހިންމު ހުނަރުތަކާ ގުޅޭގޮތުން މައުލޫމާތުދޭ "އެންޑް ގޭމް" ސެޝަންތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަ އެސޯސިއޭޓް ޕްރޮފެސާ ޑރ. އަލީ ނަޖީބު ވިދާޅުވީ ދަރިވަރެއްގެ މަތީ ތައުލީމުގެ ދަތުރު ފެށެނީ އޮރިއެންޓޭޝަން ހަފްތާ އިން ކަމަށެވެ. އޯ-ވީކްގެ ތެރެއިން އުފެދިގެންދާ އެކުވެރިކަމާއި ބަދަހިވާ ގުޅުންތަކަކީ ކިޔެވުމުގެ އެންމެ ދަތި އުނދަގޫ ދުވަސްވަރު ވެސް ދަރިވަރުންނަށް ކުރިއަށް ދިއުމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ މި ހަރަކާތް ކުރިއަށް ދާނީ މިރޭ 10 ޖަހަންދެނެވެ.