އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވާސިޓީސް (އޭސީޔޫ) އިން ހިންގާ "ކިންގްސް ކޮމަންވެލްތު ފެލޯޝިޕް ޕްރޮގްރާމް (ކޭސީއެފްޕީ)" ގެ ދަށުން، ކިޔެވުމާއި ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެހިފައިވާ، 'ފުލީ ފަންޑެޑް' އަންޑަގްރެޖުއޭޓް ފެލޯޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮމަންވެލްތުގެ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ހާއްސަކޮށްގެން ހިންގާ އެ ފެލޯޝިޕްގެ ދަށުން ކިޔަވައިދޭ ރަސްމީ 'ހޯސްޓް އިންސްޓިޓިއުޝަން'އެއްގެ ގޮތުގައި ރާއްޖެއިން ހޮވިފައި ވަނީ ވިލާ ކޮލެޖެވެ.
މި ފެލޯޝިޕްގެ އަންޑަގްރެޖުއޭޓް ޕާތުވޭ ކިޔަވައިދޭ ރަސްމީ 'ހޯސްޓް' އިންސްޓިޓިއުޝަނެއްގެ ޝަރަފު، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން ހަމައެކަނި ލިބިފައިވަނީ ވިލާ ކޮލެޖަށެވެ. ވިލާ ކޮލެޖަކީ 2013 ވަނަ އަހަރުން ފެށިގެން އޭސީޔޫގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ، ރާއްޖޭގެ ފުރަތަމަ މަތީ ތައުލީމުދޭ މަރުކަޒެވެ.
ވިލާ ކޮލެޖުން ބުނީ ކޮމަންވެލްތު ޔުނިވާސިޓީތަކުގެ ވިއުގައާއެކު އޮތް ބަދަހި ގުޅުމާއި، ކޮލެޖުން ފޯރުކޮށްދޭ ތައުލީމީ ފެންވަރަކީ މިފަދަ ޝަރަފުވެރި ބައިނަލްއަގުވާމީ ޕްރޮގްރާމެއްގެ ހޯސްޓް އިންސްޓިޓިއުޝަނަކަށް ވިލާ ކޮލެޖު ހޮވިގެން ދިޔަ މައިގަނޑު ސަބަބު ކަމަށެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމަކަށް ފައްޓަވާފައިވާ އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ތަރައްގީގެ އެންމެ ބޮޑެތި ގޮންޖެހުންތަކާއި، ހާއްސަކޮށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމެވެ.
އެ ފުރުސަތުގެ ސަބަބުން، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރު ޒުވާނުންނަށް ލިބިގެންދާނެ އެވެ. އަދި ފެލޯޝިޕް ލިބޭ ދަރިވަރުން "ކިންގްސް ފެލޯސް" ގެ ގޮތުގައި ބައިނަލްއަގުވާމީ އެކަޑެމިކް ނެޓްވޯކަކާ ގުޅި، މުޖުތަމައަށް ހިދުމަތް ކުރާނެ ލީޑަރުންތަކަކަށްވުމަށް ބޭނުންވާ ފުރުސަތުތައް ލިބޭނެ އެވެ.
މި ފެލޯޝިޕްގެ ދަށުން ވިލާ ކޮލެޖުގައި ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް މުހިންމު ފަސް ދާއިރާއަކުން ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ސިއްހީ ދާއިރާ: ބެޗެލާ އޮފް ސައިންސް އިން ނާސިން
ތައުލީމީ ދާއިރާ: ބެޗެލާ އޮފް ޓީޗިން އިން ޕްރައިމަރީ އެންޑް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް
އިންޖިނިއަރިން ދާއިރާ: ބެޗެލާ އޮފް މެކޭނިކަލް އިންޖިނިއަރިން(އޮނާސް)، ބެޗެލާ އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން (އޮނާސް)، ބެޗެލާ އޮފް ސިވިލް އިންޖިނިއަރިން(އޮނާސް)
މި ފެލޯޝިޕް ކާމިޔާބުކުރާ ދަރިވަރުންގެ ކިޔެވުމުގެ މުއްދަތަށް ޓިއުޝަން ފީ އެއްކޮށް ހަމަޖައްސައިދިނުމުގެ އިތުރުން، ދިރިއުޅުމުގެ ހަރަދުތަކަށް ހާއްސަ ސްޓައިޕެންޑެއް ލިބޭނެ އެވެ. އަދި ކިޔެވުމަށްޓަކައި އެހެން ރަށަކަށް ނުވަތަ ގައުމަކަށް ބަދަލުވާންޖެހޭ ދަރިވަރުންނަށް ދަތުރުފަތުރުގެ ހަރަދު (އަހަރަކު އެއް ފަހަރު ވައިގެ ދަތުރުގެ ދެކޮޅު ޓިކެޓް ހިމެނޭހެން) ފޯރުކޮށްދޭނެ އެވެ.
މުޅި ޕްރޮގްރާމުގެ ދަށުން ޖުމްލަ 11 ފެލޯޝިޕް ދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 7 ފެލޯޝިޕެއް ހާއްސަކޮށްފައި ވަނީ ކުދި އަދި އެކަހެރި ގައުމުތައް ކަމުގައިވާ ޑޮމިނިކާ، ގްރެނާޑާ، ކިރިބާސް، ނައުރޫ، ސަމޯއާ، ޓޮންގާ އަދި ޓުވާލޫއަށެވެ. އަދި ބާކީ ފުރުސަތުތައް ރާއްޖެ ހިމެނޭހެން ކޮމަންވެލްތު ސިޑްސްގެ 24 ގައުމަކުން ވާދަކުރެވޭނެ އެވެ.
ފެލޯޝިޕް ހޯސްޓަކަށް ހޮވުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، އެސޯސިއޭޓް ޕްރޮފެސާ ޑރ. އަލީ ނަޖީބު ވިދާޅުވީ ރާއްޖެ އަށް ފުރަތަމަ ފަހަރަށް ފެލޯޝިޕް ހޯސްޓު ކުރުމުގެ ފުރުސަތާއި ފެލޯޝިޕް ހޯދުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ރާއްޖޭގެ މަތީ ތައުލީމަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ މި ފަދަ ޕްރެޓީޖަސް ސްކީމެއްގެ ދަށުން ކިޔެވުމަށް ހުޅުވިގެން ދިޔަ މުހިންމު ދޮރެއް ކަމަށް ވިދާޅުވި އެވެ.
ފެލޯޝިޕަށް އެދި ހުށަހަޅާ ދަރިވަރުންނަށް ބޭނުންވާ އިރުޝާދާއި މައުލޫމާތު ފޯރުކޮށްދިނުމަށް ވިލާ ކޮލެޖުގެ ސްޓޫޑެންޓް ސާވިސަސް އަދި ކޮންޓެކްޓް ސެންޓަރުން އެހީތެރިކަން ލިބޭނެ އެވެ. އަދި ކޮލެޖުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އިތުރު ތަފްސީލުތައް ލިބޭނެ އެވެ.
މި ފެލޯޝިޕަށް އެދި ހުށައެޅޭނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު 8 ޖަހަންދެނެވެ.
ފެލޯޝިޕްގެ ޝަރުތުތަކާއި އެޕްލިކޭޝަން ފޯމު، އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވާސިޓީސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ.