ދިވެހި ފަންނުވެރި ޒުވާނުންނާއި މަސައްކަތްތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، މަސައްކަތްތެރިކަމުގެ ބާޒާރަށް ބޮޑު ބަދަލެއް ގެނައި "ޓާސްކިން" އެޕަށް އާ "ބީ2ބީ" ފީޗާތަކެއް ތައާރަފްކޮށްފި އެވެ.
މި ފީޗާތައް މެދުވެރިކޮށް ވިޔަފާރިތަކާއި ރިސޯޓުތަކާއި މާލީ އިދާރާތަކާއި އެކި ޖަމިއްޔާތަކަށް މަސައްކަތްތެރި ދިވެހިންނާއި ސީދާ ގުޅުވައިދެ އެވެ.
'ޓާސްކިން' އެޕަށް އަލަށް ނެރުނު ފީޗާތަކުގެ ތެރޭގައި ހިމެނެނީ'ޓާސްކިން ޖޮބްސް'،'ޓާސްކިން ކޮންޓެސްޓްސް'،'ޓާސްކިން އެޑްސް' އަދި 'ޓާސްކިން ގްރޯ' އެވެ.
ފީޗާތަކުގެ ތަފްސީލުތައް
ޓާސްކިން ޖޮބްސް:
އެ މީހަކު ބޭނުންވާ މަސައްކަތެއް ކުރުމަށް އެންމެ ގާބިލް މަސައްކަތްތެރިޔާ މި ފީޗާ މެދުވެރިކޮށް ހޯދޭނެ އެވެ. މިހާރު މަސައްކަތްތެރިންނަށް 'ޓާސްކިން' މެދުވެރިކޮށް ސީދާ ގުޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި މަސައްކަތްތެރިންނަކީ 'ވެރިފައިޑް' ބަޔަކަށް ވުމުން އެ ފަރާތްތަކުން ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ރޭޓިން، ސެޓްފިކެޓުތަކާއި ކޮލިފިކޭޝަންތައް ފަދަ މުހިންމު މައުލޫމާތުތައް އެ ފަރާތްތަކުގެ ޕްރޮފައިލް މެދުވެރިކޮށް ބެލޭނެ އެވެ. 'ޓާސްކިން' އިން ރިސޯޓުތަކާއި އޮފީސް އެޑްމިނިސްޓްރޭޝަނުން ފެށިގެން އަމަލީ މަސައްކަތްތަކާއި އުފެއްދުންތެރި ޓެކްނޮލޮޖީގެ ދާއިރާތަކަށް ވެސް މީހުން ހޯދޭނެ އެވެ.
ފުލްޓައިމް، ޕާޓްޓައިމް، ފްރީލާންސް ނުވަތަ ވަގުތީ ވަޒީފާތަކަށް އޮންލައިން ފޯމު، ލިންކް ނުވަތަ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެ އިންތިޒާމު ވެސް 'ޓާސްކިން'އިން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.
ޓާސްކިން ކޮންޓެސްޓްސް:
މިއީ އާ ހިޔާލުތަކާއި ހުނަރުވެރިން ދެނެގަތުމުގެ ގޮތުން ވިޔަފާރިތަކަށް އެޕްގެ ތެރޭގައި އެކި ކަހަލަ މުބާރާތްތަކާއި ޗެލެންޖުތައް ބޭއްވުމަށް ފޯރުކޮށްދީފައިވާ ފީޗާ އެކެވެ.
އެންމެ ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ ބަދަލުގައި، ގިނަ ބައެއްގެ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ފުރިހަމަ އުފެއްދުން ހޮވުމުގެ ފުރުސަތު މި ފީޗާ މެދުވެރިކޮށް ލިބޭނެ އެވެ. މިއީ ވިޔަފާރިތަކަށް އާދައިގެ ވަޒީފާއެއްގެ ބަދަލުގައި، ސޯޝަލް މީޑިއާގައި ބްރޭންޑް އިޝްތިހާރު ކުރުމަށް ވެސް ލިބޭނެ ފުރުސަތެކެވެ.
މި ފީޗާގެ އެހީގައި ޑިޒައިނިން، މާކެޓިން، ވީޑިއޯ އުފެއްދުން ފަދަ ދާއިރާތަކުން އަލަށް އުފެދޭ ހުނަރުވެރިން ފަސޭހަކަމާއެކު ދެނެގަނެވޭނެ އެވެ. އަދި މި ފީޗާ މެދުވެރިކޮށް މުބާރާތްތައް ބާއްވާ ފަރާތްތަކުން ފައިސާގެ އިނާމު، ގިފްޓް ވައުޗާ، ނުވަތަ ޕެކޭޖު ފަދަ ތަފާތު އިނާމުތައް ކަނޑައެޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ޓާސްކިން އެޑްސް:
މި ފީޗާ ހާއްސަކޮށްފައި ވަނީ އެޕުގައި ހިދުމަތްތަކަށް އެދޭ އަދި މަސައްކަތްތައް ރާވާ ފަރާތްތަކަށް ސީދާ އަމާޒުކޮށް އިޝްތިހާރު ކުރުމަށެވެ. މި ފީޗާ މެދުވެރިކޮށް ޓާގެޓުކޮށް އައިޓީ ނުވަތަ ޑެލިވަރީ ފަދަ ވަކި ހާއްސަ ދާއިރާތަކަށް އަމާޒުކޮށް އިޝްތިހާރު ދެއްކޭނެ އެވެ.
އެގޮތުން އެޕުގެ ހޯމް ޕޭޖް، އެކްސްޕްލޯ ޕޭޖް، އަދި ޕޭމަންޓް ޕޭޖް ފަދަ ގިނައިން މީހުން ބަލާ ސަފުހާތަކުގައި ބެނާ އެޑްތައް ދެއްކޭނެ އެވެ. މި އެޕުގައި ހިމެނޭ ޑައިނަމިކް އިންޓަގްރޭޝަންގެ ސަބަބުން އޭޕީއައި މެދުވެރިކޮށް، ކަސްޓަމަރުން ހިދުމަތަކަށް ބޭނުންވާ ވަގުތު އެ ހިދުމަތް ފޯރުކޮށްދޭ މަސައްކަތްތެރިޔާގެ އުފެއްދުންތަކުގެ މައުލޫމާތު ވަގުތުން ފެންނާނެހެން ހަމަޖެއްސުމުގެ ފުރުސަތު ވެސް ލިބެ އެވެ.
ޓާސްކިން ގްރޯ:
މި ފީޗާ ހާއްސަކޮށްފައި ވަނީ ތަމްރީނުދޭ މަރުކަޒުތަކާއި އިންޝުއަރެންސް އަދި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކަށެވެ. މިއީ އާ ހުނަރުތައް ދަސްކޮށް، އާމްދަނީ އިތުރުކުރަން ބޭނުންވާ ހީވާގި މީހުންނާ ގުޅުވައިދޭ ފީޗާ އެކެވެ.
މި ފީޗާގައި ފީ ދައްކައިގެން ބައިވެރިވާ ކޯސްތަކާއި ހިލޭ ބާއްވާ ސެޝަންތައް އަދި ވިޔަފާރި ވަސީލަތްތައް ފަސޭހަކަމާ އެކު އިސްތިހާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި ފީޗާގައި ހިލޭ ޖާގައެއް ނުވަތަ ސާމްޕަލްއެއް ފޯރުކޮށްދީގެން، އެޕްގެ ހާއްސަ ޖާގަތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އިތުރު އިޝްތިހާރުގެ ފުރުސަތު ހޯދޭނެ އެވެ.
'ޓާސްކިން' އެޕް 15,000 އަށް ވުރެ ގިނަ ފަރާތްތަކުން އަންނަނީ ބޭނުން ކުރަމުންނެވެ. އެ އެޕުގައި 391 ދާއިރާއަކުން، ވެރިފައިޑް 1,400 'ޓާސްކަރުން' ދަނީ ހިދުމަތް ދެމުންނެވެ.
'ޓާސްކިން' އެޕުގެ އާ ފީޗާތަކާއި ގުޅޭ އިތުރު މައުލޫމާތު [email protected] އިން ލިބޭނެ އެވެ.