ނީލަން ފެށޭ އަގު ކުޑަކޮށް، މއ. ކުދިމަގޫގެ ވިއްކާލަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ. 

ބިމާއި އިމާރާތާ އެކު، އެ ތަން ވިއްކާން އިސްލާމިކް ބޭންކުން ނީލަން ފަށާ އަގުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 9،650،000ރ. އެވެ.

ޖުމްލަ 830 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ އެ އިމާރަތް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްއައިބީއަށް ދީފައިވަނީ ރަހުނުު ކޮށްފައި ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެންނެވެ.

މާލޭގެ ނިކަގަސްމަގުގައި ހުންނަ އެ އިމާރާތް ވިއްކާލުމަށް އެމްއައިބީ އިން މީގެ ކުރިން ދެ ފަހަރު އިއުލާންކުރި އެވެ. އެގޮތުން އެ ގެ 12 މިލިއަން ރުފިޔާ އަށް ވިއްކާލަން މިދިޔަ ޖުލައި މަހު ވެސް އިއުލާންކުރި އެވެ.

އެމްއައިބީ އިން މި ފަހަރު ނީލަން ހުށައެޅުމުގެ ސުންގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު އެއް ޖެހުމާ ހަމައަށެވެ.

އެމްއައިބީއިން ބުނީ ނީލަމުގެ ސުންގަޑި ހަމަވާ ވަގުތާ ހަމައަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެ ވަގުތު އެ ތަނުގައި ތިބޭ މީހުންގެ ހާޒިރުގައި ސިޓީތައް ކަނޑައި، ނީލަމުގެ އެންމެ މަތީ އަގު އިއުލާނު ކުރާނެ ކަމަށެވެ. ނީލަން ފަށާ އަގު އިއުލާން ކުރުމަށް ފަހު، އެ ވަގުތު އެ ތަނަށް ހާޒިރުވެ ތިބި މީހުންނަށް، ނީލަން ފެށޭ އަގަށް ވުރެ ބޮޑު އަގެއް ހުށަހެޅުމަށް، މަދުވެގެން ފަސް ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެ އެވެ. މި ބިޑު ސެކުރިޓީގެ ނަމޫނާ މޯލްޑިވްސް އިސްލާމިކް ބޭންކުހެ ވެބްސައިޓްއިން ލިބެންހުންނާނެ އެވެ.

މި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް [email protected] އީމެއިލް މެދުވެރިކޮށް މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއައިބީއިން އެދެ އެވެ.