މަރުކަޒީ ބޭންކު، އެމްއެމްއޭ ރިސާޗް ފަންޑުގެ މި އަހަރުގެ ހަރަކާތަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ. 

އެ ފަންޑަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ ފަންޑަށް ކުރިމަތިލެވޭނީ އެމްއެމްއޭ ރިސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.

މި ރިސާޗް ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި ގްރާންޓުގެ ޖުމްލަ އަދަދަކީ ފަސް މިލިއަން ރުފިޔާ އެވެ. 

"މި ގްރާންޓްތަކުގެ މަގުސަދަކީ އިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވަރުދިނުމާއި ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ އިގުތިސާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އީޖާދީ މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ހިތްވަރު ދިނުމެވެ،" އެމްއެމްއޭ އިން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މި ފަންޑަށް އަމިއްލަ ފަރުދުންނަށާއި ތައުލީމީ އިދާރާތަކާއި ތިންކު ޓޭންކުތަކަށް ކުރިމަތިލެވޭނެ އެވެ.

ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓާސް ޑިގްރީއެއް ނުވަތަ އެ އަށް ވުރެ މަތީ ސަނަދެއް އޮތް މީހަކަށް ވާން ޖެހެ އެވެ. އަދި ޕީއެޗްޑީ ހާސިލް ކޮށްފައިވާ މީހެއް ނަމަ މި ފަންޑަށް ކުރިމަތިލާން ހިތްވަރުދޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. 

ރިސާޗް ގްރާންޓްގައި އެންމެ ބޮޑަށް ބަލާނީ އެމްއެމްއޭގެ މަގްސަދުތަކާއި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށެވެ.

"ނަމަވެސް، އެހެން ދާއިރާތަކުން ވެސް ރިސާޗް ގްރާންޓަށް ކުރިމަތިލެވޭނެ އެވެ،" އެމްއެމްއޭއިން ބުންޏެވެ.

އިތުރު ދާއިރާތައް:

  • އިގުތިސާދީ ހަމަޖެހުން، މަނިޓަރީ ސިޔާސަތު އަދި އިންފްލޭޝަން ޑައިނަމިކްސް.
  • މާލީ ދާއިރާގެ ވިލުންވެރިކަން، ގާނޫނުތަކާއި އީޖާދުތައް.
  • ޑިޖިޓަލައިޒޭޝަން، ފިންޓެކް އަދި މާލީ ބައިވެރިވުން.
  • ޓޫރިޒަމާއި ދެމެހެއްޓެނިވި އިގުތިސާދު.
  • އިސްލާމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްގީ.
  • ވަޒީފާގެ ބާޒާރާއި ތައުލީމީ ދާއިރާ.
  • ބޯހިޔާވަހިކަމާއި އާބަން ޑިވެލޮޕްމަންޓް އަދި ސްޕެޝަލް އިކޮނޮމިކްސް.
  • ސިއްހީ ދާއިރާ، ދައުލަތުގެ ހަރަދު އަދި އިޖުތިމާއީ ރައްކާތެރިކަން.

އެމްއެމްއޭގެ ރިސާޗް ފަންޑް އިފުތިތާހުކުރީ ޑިސެމްބަރު 2024 ގަ އެވެ. މި ފަންޑުގެ ފުރަތަމަ ބުރު ހުޅުވާލާފައި ވަނީ 2025 ވަނަ އަހަރު އެވެ. އެ އަހަރު މި ފަންޑުގެ ދަށުން ހަ ރިސާޗް ޕްރޮޕޯސަލް އަދި އެއް ފޮތް ގްރާންޓް އެވޯޑު ކޮށްފައިވެ އެވެ.