ޔޫއޭއީގެ އީގަލް ހިލްސް އިން ސީރިއާގައި ރިއަލް އެސްޓޭޓްގެ ބޮޑު ދެ މަޝްރޫއެއް ހިންގަން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއީ އަހަރުތަކެއް ވަންދެން ކުރި ހަނގުރާމައަށް ފަހު، ގައުމު އަލުން އާރާސްތުކުރުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދުބާއީގެ ރިއަލް އެސްޓޭޓް މަހުޖަނު، އީގަލް ހިލްސް ޕްރޮޕަޓީޒްގެ ޗެއާމަން މުހައްމަދު އަލައްބާރް އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ދިމިޝްގުގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ސީރިއާގެ ލީޑަރު އަހުމަދު އަލް ޝަރާގެ ހާޒިރުގަ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ސީރިއާއަށް އެ ގައުމުގެ ރައްޔިތުން އެނބުރި އައުމާއި، އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން ހައްގުވާ ގައުމެއް ކަމަށް،" ޔޫއޭއީގެ އީމާރް ޕްރޮޕަޓީޒްގެ ޗެއާމަންކަން ވެސް ކުރައްވާ އަލައްބާރް ވިދާޅުވި އެވެ.
ސީރިއާއިން މި ދެ މަޝްރޫއުގެ އަގު ނުވަތަ ނިންމޭނެ ކަމަށް ލަފާކުރާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސީރިއާގެ ދައުލަތުގެ މީޑިއާ އާއި އެ ހަފުލާގައި ދެއްކި ވިޑިއޯތަކުން އެނގޭ ގޮތުގައި، ދިމިޝްގު ކައިރީގައި ހިންގާ މަޝްރޫއުގެ ތެރޭގައި އެޕާޓްމަންޓްތަކާއި، ވިލާތަކާއި، ހޮޓާތަކާއި ފިހާރަތައް ހިމެނެ އެވެ. އަދި އަނެއް މަޝްރޫއަކީ އައްސޭރިފަށުގެ ރަށެއްކަމަށްވާ ލާޒިގިއްޔާ ކައިރީގައި މެރީނާއަކާ އެކު ތަރައްގީކުރާ ސީޒަނަލް، ރެސިޑެންޝަލް މަޝްރޫއެކެވެ.
ޖުލައި މަހު ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށާއި ލާޒިގިއްޔާގައި މަދުވެގެން 20 ބިލިއަން ޑޮލަރުގެ ދެ ހައުސިން އަދި ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް އަލައްބާރް ރާއްވަވަމުން ގެންދެވި އެވެ.
ސީރިއާއިން މަސައްކަތް ކުރަމުން އަންނަނީ 13 އަހަރަށްވުރެ ގިނަ ދުވަހު ކުރި ދާހިލީ ހަނގުރާމާގައި ހަލާކުވެފައިވާ ސިނާއަތްތަކާއި އިންފްރާސްޓްރަކްޗާ އަލުން އާރާސްތުކުރުމަށެވެ. މި ހަނގުރާމައިގެ ސަބަބުން ގައުމު ބައިބައިވެ، އާބާދީގެ ބޮޑު ބައެއް އުޅެމުންދަނީ ފަގީރުކަމުގަ އެވެ. އާ ސަރުކާރުން ބޭނުންވަނީ ގައުމުގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، އިންވެސްޓްމަންޓްތައް ހޯދައި، އަދި ހާއްސަކޮށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން ގައުމު ކުރިއެރުވުމަށެވެ.
ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި ސީރިއާ އަލުން އާރާސްތުކުރުމަށް 216 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންވާނެ އެވެ.
ސީރިއާގެ ޕަބްލިކް ވާކްސް އެންޑް ހައުސިން މިނިސްޓަރު މުސްތަފާ އަބްދުލް ރައްޒާގު އެ ރަސްމިއްޔާތުގައި ވިދާޅުވީ "އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، 2030 ވަނަ އަހަރާ ހަމައަށްދާއިރު ސީރިއާގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން ދެ މިލިއަން ހައުސިން ޔުނިޓަށްވުރެ އިތުރަށް ބޭނުންވާނެ" ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު މާޒިން އަލް-ސަލްހާނީ ވިދާޅުވި ގޮތުގައި މި މަޝްރޫއުތަކުގެ ސަބަބުން "40,000 އަށްވުރެ ގިނަ ސީދާ އަދި ނުސީދާ ވަޒީފާގެ ފުރުސަތު" އުފެދޭނެ އެވެ.
ޖޫން މަހު، ސީރިއާ އިން ވަނީ ދިމިޝްގު ކައިރީގައި 20,000 ހައުސިން ޔުނިޓް ބިނާކުރުމުގެ މަޝްރޫއެއް ސައުދީ ކުންފުންޏަކާ އެކު އިއުލާންކޮށްފަ އެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން ސީރިއާއިން ވަނީ ބޭރުގެ ކުންފުނިތަކާ އެކު އެކި ދާއިރާތަކުން، ހާއްސަކޮށް ދަތުރުފަތުރާއި ހަކަތައިގެ ދާއިރާއިން ގިނަ އެއްބަސްވުންތަކަކާއި އެމްއޯޔޫތަކުގައި ސޮއިކޮށްފަ އެވެ.