މޯލްޑިވްސް ޕޯސްޓް ހެޑް އޮފީހުގެ ގްރައުންޑް ފްލޯގައި ބޮޑެތި ޕާރުސަލްތަކަށް ހާއްސަކޮށް ޕިކްޕޯސްޓް ސްޓޭޝަނެއް މިއަދު ހުޅުވައިފި އެވެ.
މި ޕިކްޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދެވެ.
ޕޯސްޓް އޮފީހުން ބުނި ގޮތުގައި މިއީ ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް ތަރައްގީކޮށް ފުޅާކުރަން ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުންނާއި ޑެލިވަރީ ނިޒާމް ޒަމާނީކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގާއިމްކުރެވުނު ޕިކްޕޯސްޓް ސްޓޭޝަނެކެވެ.
ޕޯސްޓް އޮފީހުން ބުނީ އީކޮމާސްގެ ސަބަބުން ޕޯސްޓް ނިޒާމުގެ ތެރެއަށް ވަންނަ މެއިލް އިތުރުވުމާއި އަދި މެއިލްގެ ލޭންޑްސްކޭޕަށް އައިސްފައިވާ ބަދަލުތަކާ އެކު، ބޮޑެތި ޕާރުސަލްތައް ވެސް ޕިކްޕޯސްޓްގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ލިބޭނެ ގޮތް މަގުފަހި ކުރުމަށް ގިނަ ބަޔަކު އެދިފައިވާ ކަމަށެވެ. މިއީ، އެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކުރުމުގެ ގޮތުން ޕޯސްޓުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ޕޯސްްޓް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި މި ބަދަލާއެކު ބޮޑެތި ޕާރުސަލްތައް ލިބުމުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވުމުގެ އިތުރަށް ހިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު މަތި ވެގެންދާނެ އެވެ.
ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ ތަރައްގީކުރަން ކުރެވޭ މިފަދަ މަސައްކަތްތަކުގެ އަމާޒަކީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާ އެކު ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ފަރުމާކޮށް ފޯރުކޮށްދިނުމެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ފަހި މާހައުލެއް ގާއިމްކޮށް ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.