ކާބޯތަކެތީގެ އިންފްލޭޝަން މާލެ އާއި އަތޮޅު ތެރޭގައި ވެސް މިދިޔަ ދެތިން މަހު ވަރަށް ބޮޑަށް ދަށްވެ، 5.6 ޕަސެންޓުގައި ހުރި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ. 

މިއަހަރުގެ މާޗް މަހަށް ފަހު ކާބޯތަކެތީގެ އިންފްލޭޝަން ދިޔައީ ވަރަށް ބޮޑަށް އުފުލެމުންނެވެ. މާޗް މަހު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 1.9 ޕަސެންޓުގަ އެވެ. އެއަށް ފަހު ކާބޯތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ ޖޫން މަހު އެވެ. އެ މަހު އިންފްލޭޝަން ހުރީ 7.3 ޕަސެންޓުގަ އެވެ. އެމަހަށް ފަހު އިންފްލޭޝަން ދިޔައީ ކޮންމެވެސް ވަރަކަށް ދަށްވަމުންނެވެ.

އަދި މިދިޔަ އޮގަސްޓަ މަހު އިންފްލޭޝަން ވަނީ ޖޫން މަހަށް ވުރެ 1.6 ޕަސެންޓަށް ދަށްވެފަ އެވެ.

މިއަހަރު ފެށުނު އިރު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ، 1.2 ޕަސެންޓުގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 6.2 ފަސެންޓް ދަށް އަދަދެކެވެ. 

މާލޭގައި ކާބޯތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ ވެސް ޖޫން މަހު އެވެ. އެ މަހު އިންފްލޭޝަން ހުރީ 7.5 ފަސެންޓުގަ އެވެ. އަދި އަތޮޅު ތެރޭގައި އެންމެ ބޮޑަށް ތަކެތީގެ އަގުތައް އުފުލުނީ ޖޫން މަހާއި ޖުލައި މަހު އެވެ. އެ ދެ މަހު ވެސް އިންފްލޭޝަން ހުރީ 7.1 ޕަސެންޓުގަ އެވެ.

މިދިޔަ އޮގަސްޓް މަހު ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ އަށް ޕަސެންޓުގަ އެވެ. މި އަހަރުގެ މާޗް މަހުން ފެށިގެން ދަތުރުފަތުރުގެ އިންފްލޭޝަން އުޅުނީ އަށް ފަސެންޓާއި ނުވަ ޕަސެންޓާ ދޭތެރޭގަ އެވެ. ދަތުރުފަތުރުގެ އިންފްލޭޝަން އެހާ ބޮޑަށް އުފުލުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުތައް ކުރުމުގެ އަގުތަކަށް ބޮޑުވުމާ ގުޅިގެންނެވެ.

ދަތުރުފަތުރުގެ އަގުތައް އުފުލުނަސް، އެހެން ދާއިރާތަކުން އަގުތައް އުފުލޭ މިންވަރު ދަށްވުމުން އޯވަރޯލް އިންފްލޭޝަން ހުރީ 0.8 ފަސެންޓުގަ އެވެ.