މިއަހަރަކީ، ބޮޑެތި އަދަދުތަކުން ދަރަނިތައް ދައްކައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމައާ ހެދި ކުރިމަތިވި މާލީ އަދި އިގްތިސާދީ ލޮޅުންތަކުން ރައްޔިތުން ރައްކާތެރިކޮށްދެވުނު އަހަރެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހުގައި ހުށަހަޅާދެއްވަމުން ޒަރީރު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ދަރަންޏެއް ދެއްކި އަހަރު ކަމަށާއި މިއަހަރު ނިމޭ އިރު 11.7 ބިލިއަން ރުފިޔަ ދަރަނި ދެއްކުމަށް ހަރަދުވާނެ ކަމަށެވެ. މި ދަރަނި ދައްކާ ނިމުމުން އަންނަ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް ހޭދަކުރަން ޖެހޭ މިންވަރު ދަށްކުރެވި ދަރަނީގެ ބުރަ ވަރަށް ބޮޑަށް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަންނަ އަހަރު ސަރުކާރުން އަނބުރާ ދައްކަން ޖެހޭނީ 4.5 ބިލިއަން ރުފިޔާ އެވެ.

އޭނާ ވިދާޅުވީ، ދަރަނި ދެއްކުމުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިތުބާރު ލިބި، ކްރެޑިޓް ރޭޓިން މަތިވކުރެވިއްޖެ ކަމަށެވެ. އެހެންވެ، ދަރަނިތައް ދެއްކުމަކީ މާލީ ގޮތުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ، ދަރަނި އަދާކުރި އިރު މިއަހަރު ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ ވެސް މެދުއިރުމަތީގެ ހަނގުރާމައާ ހެދި ޓޫރިޒަމް ދާއިރާއަށް އައި ލޮޅުން ކަމަށެވެ. ހަނގުރާމައާ ހެދި، މާޗް އަދި އޭފްރީލް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 23 ޕަސެންޓަށް ދަށަށް ދިޔަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 3.6 ޕަސެންޓް ދަށުގަ އެވެ.

ފިނޭންސް މިނިސްޓަރު ހަސަން ރަޒީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ހުށަހެޅުއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ފިނޭންސް މިނިސްޓަރު ހަސަން ރަޒީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ހުށަހެޅުއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

"2026 ވަނަ އަހަރަށް އަންދާޒާކުރި އަދަދަށް ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް މިހާރު ނުބެލެވުނު ކަމުގައިވިޔަސް، 2025 ވަނަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދާއި ގާތްކުރާ އަދަދަކަށް، މި އަހަރު ނިމޭއިރު ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައަކީ، މިދިޔަ 10 އަހަރުތެރޭ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ތިން ވަނަ ޝޮކް ކަމަށާއި އެ އުނދަގޫތަކާ އެކު ވެސް ރާއްޖޭގެ އިގްތިސާދު ދަނީ ކުރިއަސް ކަމަށެވެ. އަދި މިއަހަރަށް އަންދާޒާކުރި ވަރަށް ވުރެ އިތުރަށް އާމްދަނީ އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 40.3 ބިލިއަން ރުފިޔާ އެވެ. އެކަމަކު މިހާރު އެ އަދަދު 41.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.

ޒަރީރު ވިދާޅުވީ، މިއަހަރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނަކީ ހަނގުރާމައާ ހެދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ދައުލަތުގެ ހަރަދުތައް ވެސް އިންތިހާއަށް އުފުލުން ކަމަށެވެ. ތެލުގެ އަގު އުފުލުމާ ގުޅިގެން ކަރަންޓު އުފެއްދުމަށް ކުރާ ހޭދަ އާއި މުދަލާއި އާންމު ދިރިއުޅުމުގެ އެންމެހައި ހަރަދުތަކެއް ވެސް އުފުލުނެވެ. ތެލުގެ ހަރަދު ބޮޑުވި ނަމަވެސް، އާންމު ރައްޔިތުންނަށް ބުރޫއެރުމެއް ނެތި ވިޔަފާރި ހަރަކާތްތައް ކުރިއަށް މިދަނީ ސަރުކާރުން ތެލުގެ އަގުތައް ކޮންޓްރޯލް ކުރުމަށް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ހަސަން ރަޒީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ހުށަހެޅުއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ފިނޭންސް މިނިސްޓަރު ހަސަން ރަޒީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ހުށަހެޅުއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

"ރައްޔިތުންނަށް ހެޔޮއަގުގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި ދެމުންދާ ފިއުލް ސަބްސިޑީގެ ޚަރަދު ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައި. މިގޮތުން، ފިއުލް ސަބްސިޑީގެ ގޮތުގައި މި އަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ބެލެވޭ. އެހެންނަމަވެސް، މާލީ އިދާރާތަކުގެ ތެލުގެ ފޯކާސްޓްތަކަށް ބަލާއިރު، އަންނަ އަހަރު ތެލުގެ އަގު ދަށްވާނެކަމަށް އެ އިދާރާތަކުން އަންދާޒާކުރޭ،" އޭނާ ވިދާޅުވި އެވެ.

ތެލުގެ ސަބްސިޑީ އިތުރުވުމާ ގުޅިގެން، ޖުމްލަކޮށް ސަބްސިޑީއަށް ކުރި ހޭދަވަނީ، 14.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއަހަރަށް ލަފާކުރި ބަޖެޓުގައި ސަބްސިޑީއަށް ހޭދަކުރަން ކަނޑައެޅީ 10.5 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ތެލުގެ ސަބްސިޑީއަށް 3.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.