ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓީއޯގެ ތިން ވަނަ ކުއާޓާގެ ހިސާބުތަކުން ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމަށް ފަހު އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ އޭގެ ކުރީ ކުއާޓާއަށް ވުރެ ގާތްގަނޑަކަށް އެއް ޕަސެންޓްގެ އިތުރުވެފަ އެވެ. ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބުނީ 279 މިލިއަން ރުފިޔާ އެވެ.
ތިން ވަނަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ ކުއާޓާއަށް ވުރެ ހަތް ޕަސެންޓްގެ ދަށްވުމެކެވެ.
އެސްޓީއޯ އިން ބުނީ، އާމްދަނީ ދަށްވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާ އެކު ތެލުގެ އަގު މި ކުއާޓަގައި ދަށްވުމުގެ ސަބަބުން ކަމަށެވެ. ތެލުގެ އަގު ދަށްވި ނަމަވެސް، ތެޔޮ ވިކުނު އަދަދު ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވެފައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ދެވަނަ ކުއާޓާގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 286 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 400 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ، މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 23 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ މެޑިކަލް ސެގްމަންޓްގެ ރިސްޓްރަކްޗާއާ ގުޅިގެން ހަރަދު ކުޑަކުރެވުމާއި އަދި އެހެނިހެން ހަރަދުތައް ވެސް ޖުމްލަކޮށް ކުޑަކުރެވިފައިވުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.