ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ފެއާގައި ވިޒިޓް މޯލްޑިވްސް އިޔާ 2027 ކެމްޕެއިން ލޯންޗުކޮށްފި އެވެ. 

ޑަބްލައިއުޓީއެމްގައި މި ކެމްޕެއިން ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރެވެ.

މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވައި ޑަބްލިއުޓީއެމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ "ވިޒިޓް މޯލްޑިވްސް އިޔާ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕެއިނަކީ 2027 ވަނަ އަހަރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ފުރިހަމަކަން ތަޖުރިބާކޮށް، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާކުރުމަށް ދެވޭ ދައުވަތެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި މުއްސަނދި ސަގާފަތާއި މެހެމާންދާރީގެ އިތުރުން ރާއްޖޭގައި ކުރެވޭ ތަފާތު ތަޖުރިބާތައް ފާހަގަކޮށް، ވިޔަފާރިތަކަށާއި މުޖުތަމައުތަކަށް އާ ފުރުސަތުތަކެއް ފަހިކޮށްދޭނެ ކެމްޕެއިނެއް ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ އަމާޒަކީ މި ކެމްޕެއިނާ އެކު ދުނިޔޭގައި ރާއްޖެއަށް ޝައުގުވެރިކަން އުފައްދައި، ޓޫރިޒަމްގެ ދާއިރާގައި ރާއްޖެ އޮތް މަގާމު އިތުރަށް ހަރުދަނާކޮށް، އަންނަ އަހަރަކީ ދާއިރާގެ ކާމިޔާބު އަހަރަކަށް ހެދުން ކަމަށެވެ. 

ޑަބްލިއުޓީއެމް އަކީ ޔޫރަޕްގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ފެއާ އެވެ. މި ފެއާގައި ދުނިޔޭގެ އެކި ގައުމުތަކުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ. ރާއްޖެއިން މި ފެއާގައި 62 ކުންފުންޏަކުން 136 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ.