ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އެންމެ އެކަށޭނެ ފައިނޭންސް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ ތިން ފައިނޭންސިން ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިއަނަށް އިތުރުކޮށްފި އެވެ.

އެ ބޭންކުން މިއަދު ބުނީ، ފައިނޭންސިން ލިމިޓް އިތުރުކުރީ ވިޔަފާރިތަކަށް އަމާޒުކޮށް ފައިނޭންސް ދޫކުރާ އެސެޓް ފައިނޭންސިން، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން އަދި ވެސެލް ފައިނޭންސިންއަށް ކަމަށެވެ. މި ފައިނޭންސިން ފެސިލިޓީތަކުގެ ލިމިޓަކީ ފަސް މިލިއަން ރުފިޔާ އެވެ.

އެ ބޭންކުން ބުނި ގޮތުގައި، ފައިނޭންސިންގެ ލިމިޓްތައް 10 މިލިއަނަށް އިތުރު ކޮށްފައިވަނީ ރާއްޖޭގެ ކުދި ވިޔަފާރިތައް ހަލުވިކަމާ އެކު، ކުރިއަރަމުން އަންނަ އިރު، އެ ވިޔަފާރިތަކުގެ ފައިނޭންސިން ޑިމާންޑްތަކާއި ބައްދަލުކޮށް ފުރުސަތު ފަހި ކުރުމުގެ ގޮތުންނެވެ.

ލިމިޓް ބޮޑުކުރި ފައިނޭންސިން ފެސިލިޓީ:

1. އެސެޓް ފައިނޭންސިން: ވިޔަފާރި މުޅިން އަލަށް ފަށަން އަދި މިހާރު ވެސް ހިނގަމުން އަންނަ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށް

2.  ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން: ދެ އަހަރު ވެފައިވާ ވިޔަފާރިތައް ފުޅާކުރުމަށް ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ހަރުދުކުރުމުގެ އިތުރުން އާ މަކެޓްތަކަށް ވަނުމަށާއި އިތުރު އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް

3. ވެސެލް ފައިނޭންސިން: މުޅިން އަލަށް އަދި ހިނގަމުންދާ ވިޔަފާރިތަކަށް އުޅަނދު ގަތުމަށް އަދި ބަނުމުގެ އިތުރުން އުޅަނދުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް (މީގެ ތެރޭގައި ޑައިވް ދޯނި، ސްޕޯޓްސް ފިޝިން އަދި އެކްސްކާޝަންގެ ހޯދުމުގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތައް ހިމެނޭ)

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ ފައިނޭންސިން ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރިއެރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި އެހެންވެ މިއީ ވިޔަފާރިތަކަށް ވަރަށް ބޭނުންތެރި ބަދަލެއް ކަމަށެވެ

"އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިތަކުގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދީ، އެ ވިޔަފާރިތައް ދެން އޮތް ހަރުފަތަށް ގެންދިއުމުގެ ބައިވެރިއެއް ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މި ފައިނޭންސިންގެ ފުރުސަތުތަކަށް އެދުމަށް އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށެހެޅޭނެ އެވެ.