ސްކޫލް ކުދިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން އިންތިޒާމު ކޮށްގެން އިއްޔެ ފެށި "ފިންލިޓް ފެސްޓް" ބަހުސް މުބާރާތުގެ ފައިނަލަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސީއެޗްއެސްއީ ހުޅުމާލެ ހޮވިއްޖެ އެވެ.
މުޅިއެކު، ހަ ބުރު ހިމެނޭހެން ކުރިއަށް ގެންދާ މުބާރާތުގައި ހަތަރު ޓީމެއް އިއްޔެ ވާދަކުރި އެވެ. އެއީ ސީއެޗްއެސްއީ ހުޅުމާލެ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިން ބައިވެރިވި ޓީމުތަކެވެ.
ބަހުސް މުބާރާތުގެ ފައިނަލަށް އަހުމަދިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލެ ހޮވުނުއިރު ފައިނަލް ބަހުސް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.
އެމްްއެމްއެމްއިން ބުނި ގޮތުގައި، އިގްތިސާދީ އެކިއެކި މައުލޫއުތަކާއި އިޖްތިމާއީ/ އިގްތިސާދީ މައުލޫއުތަކަށް އިއްޔެގެ ބަހުސްގައި ބައިވެރިން ވަނީ ބަހުސް ކޮށްފަ އެވެ.
މިއީ މިދިޔަ އަހަރު އެމްއެމްއޭއިން ފަށާފައިވާ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތް "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ތެރެއިން ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ.
މުބާރާތުގެ މަގުސަދަކީ ޒުވާނުންނާއި ދަރިވަރުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި އިގްތިސާދީ މައްސަލަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެ ކަންކަމާ މެދު ފުންކޮށް ވިސްނުމަށް ހިތްވަރުދިނުމުގެ އިތުރުން ވާހަކަ ދެއްކުމުގެ ހުނަރު ކުރިއެރުވުން ކަަމަށް އެމްއެމްއޭއިން ބުންޏެވެ.