ދިރާގު ފިންޓޭކްއިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ޕްރޮމޯޝަނެއް މިއަދު އިއުލާންކޮށްފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ބޯބާ ލިބޭނީ ޗާންދަނީ މަގުގައި ހުންނަ ވިކްޓޯރިއަސް ކެފޭ- އިންޑިގޯ އަދި ވިކްޓޯރިއަސް އެވެނިއުއިން ކަމަށް ދިރާގުން ބުންޏެވެ. 

މި ހާއްސަ ޕްރޮމޯޝަން ކުރިއަށް ގެންދާނީ އެ ކުންފުނިން ބުނިގޮތުގައި، އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ފުރަތަމަ 1،000 ކަސްޓަމަރުން ހަމަވަންދެންނެވެ.

މިހާރުގެ ދިރާގުޕޭ ކަސްޓާމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓަރީ ވުމަށް ފަހު، ޓޭކް-އަވޭގެ ހިދުމަތުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މިއީ، ރާއްޖޭގައި ފައިސާގެ މައުލޫމާތުތައް ޑިޖިޓަލް ވަސީލަތްތަކުން ބޭނުންކުރުމުގެ ޝައުގުވެރިކަން އިތުރު ކުރުމަށްޓަކައި ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. 

އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކާއެކު، ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ވެސް ދިރާގު ފިންޓެކްއިން ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކުގައި ގިނަ ބަޔަކު ބައިވެރިވިކަން ދިރާގުން ފާހަގަކުރެ އެވެ. މިއީ، ރާއްޖެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށްޓަކައި ދިރާގުޕޭއިން ހިންގާ ހަރަކާތެކެވެ.