މޫސުމީ ނުރައްކަލަކީ އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދުސިތު ޑީޓޫ ފޭދޫ ރިސޯޓުގައި ކުރިއަށްދާ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޒަރީރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުގެ އަސަރު ރާއްޖޭގެ އިގްތިސާދާއި އާންމުންގެ ދިރިއުޅުމަށް ސީދާ ކުރާ ކަމަށާއި ރާއްޖެ ތަރައްގީ ކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ އާއި ތިމަވެށި ހިމާޔަތްކުރުމުގެ އިތުރުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން އިންވެސްޓްކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމާއި މަސްވެރިކަން ދަމަހައްޓަން ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުން ވަރަށް މުހިއްމެވެ.

"މޫސުމީ ނުރައްކަލަކީ އިގްތިސާދީ ނުރައްކަލެއް. އަދި އިގްތިސާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ޕެންޝަން އޮފީހުން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ތެރެއިން -- ފޮޓޯ: ޒަރީރު
ޕެންޝަން އޮފީހުން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ތެރެއިން -- ފޮޓޯ: ޒަރީރު

ޒަރީރު ވިދާޅުވީ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ހިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓާއި، ބައިނަލްއަގްވާމީ އެހީ އާއި ލުއި ލޯނު އެހީ އަދިވެސް ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެހެން، މިފަދަ ބޭނުންތައް ފުއްދުމަށް އަމިއްލަ ފަރާތްތަކުގެ ކެޕިޓަލް އިންވެސްޓުމެންޓުތަކާއި އަދި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު "ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް" އާއި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" ކުރިއަށްގެންދާ އިރު ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ ފަރާތެއްގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެކްރެޑިޓްވުމަކީ، ބައިނަލްއަޤްވާމީ މޫސުމީ ފަންޑުތައް ހޯދުމަށް ލިބުނު އިތުރު ބާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެކިރަންވާނީ ހިންގޭ މަޝްރޫއުތަކާއި އޭގެ ނަތީޖާއިންނެވެ. އެފަދަ މަޝްރޫއުތަކުގެ ތެރެއިން ވަރުގަދަ އުމްރާނީ ވަސީލަތްތަކާއި، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމާއި، ދިވެހިންނަށް ލިބޭ މާލީ ރައްކާތެރިކަން އިތުުރުވާ މިންވަރު ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.