ކުރިއަށް އޮތް ރޯދަމަހާ ގުޅިގެން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު 2027" މިއަދު ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މި ބާޒާރު މިއަދުން ފެށިގެން އަންނަ އަހަރުގެ މާޗް 10 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް އަބަދުވެސް ބާއްވަ އެވެ.

މި އަހަރުގެ ޕްރޮމޯޝަން ރަސްމީކޮށް ފެށީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ހާއްސަ ހަފްލާއަކުންނެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އެވެ.

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އެސްޓީއޯގެ ރަމަޟާން ބާޒާރު ފެށުމަށް މިއަދު ބޭއްވި ހަފުލާގެ ތެރެއިން ސަގާފީ ހަރަކާތެއް ހުށަހަޅައިދެނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު
ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އެސްޓީއޯގެ ރަމަޟާން ބާޒާރު ފެށުމަށް މިއަދު ބޭއްވި ހަފުލާގެ ތެރެއިން ސަގާފީ ހަރަކާތެއް ހުށަހަޅައިދެނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

މި އަހަރުގެ ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކޮށްފައިވާ ގިނަ އުފެއްދުންތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ކޮންމެ ދެ ހަފްތާއަކުން، 500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2،500ރ. ގެ ގިފްޓް ވައުޗަރެއް ދޫކުރާނެ އެވެ. މީގެ އިތުރުން، 5،000ރ. އިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ހާއްސަ "ހަދިޔާ ގުޅި"އަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، މި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 100،000ރ. ގެ ފައިސާގެ އިނާމެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ޕްރޮމޯޝަން ނިމުމާ އެކު، އެ މުއްދަތުގައި ވިޔަފާރި ކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މި 100،000ރ. ގެ ފައިސާގެ އިނާމު ދޫކުރަން ވަނީ ނިންމައިފަ އެވެ.

އެސްޓީއޯ ރަމަޟާން ބާޒާރުގައި ހުރި ބައެއް ބާވަތްތައް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާމް އަދި އެ ކުންފުނީގެ އެމްޑީ ޝިމާދު މިއަދު ބައްލަވާލައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު
އެސްޓީއޯ ރަމަޟާން ބާޒާރުގައި ހުރި ބައެއް ބާވަތްތައް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާމް އަދި އެ ކުންފުނީގެ އެމްޑީ ޝިމާދު މިއަދު ބައްލަވާލައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

އެސްޓީއޯ ރޯދަ ޕްރޮމޯޝަނާ އެކު، މިއަދު ވަނީ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓެއް ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އާއްމުންނަށް ހުޅުވާލައިފަ އެވެ. މި ފްރެންޗައިޒަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފްރެންޗައިޒެކެވެ. ކޮފީ ބީންސް އެންޑް ޓީލީވްސްގެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވާފައިވާއިރު، މިއީ މާލޭގައި ހުޅުވި ފުރަތަމަ އައުޓްލެޓް އެވެ.

ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށް ޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ވަނީ އިތުރަށް ބޮޑުކޮށް، މި ސަރަހައްދު ވެސް އާއްމުންނަށް ހުޅުވާލައިފަ އެވެ.

މި ފަހަރުގެ ރަމަޟާން ބާޒާރު އެސްޓީއޯއިން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ އަހަރުގެ މާޗު 10 އާ ހަމައަށް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މި ފަހަރުގެ ރަމަޟާން ބާޒާރު އެސްޓީއޯއިން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ އަހަރުގެ މާޗު 10 އާ ހަމައަށް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކު ވެސް ރޯދަމަހާ ގުޅިގެން ގެތަކަށް ބޭނުންވާ ހިފައި ގެންގުޅޭ ސާމާނު ހެޔޮއަގެއްގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބެ އެވެ. އެ ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ވެސް ކުރިއަށް ގެންދާނެ އެވެ.