ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކް ފަންޑުގެ އެހީގައި، މ. ދިއްގަރުގައި ކުރިއަށް ގެންދިޔަ "ސަސްޓެއިނަބަލް އާބަން ފާމިން" މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ. 

މިއީ، ބީއެމްއެލް އިން ފޯރުކޮށްދިން 200،000 (ދެލައްކަ) ރުފިޔާގެ މާލީ އެހީތެރިކަމާއެކު "ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" ޖަމިއްޔާއިން ހިންގި މަޝްރޫއެކެވެ.

މި މަޝްރޫއަކީ ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމަހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ސަސްޓައިނަބަލް އާބަން ފާމިން
ބީއެމްއެލްގެ ސަސްޓައިނަބަލް އާބަން ފާމިން

މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާ އާއި ތަރުކާރި ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި މުޖުތަމައަށް ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ އާއި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިގްތިސާދީ އާ ފުރުސަތުތައް ވެސް ފަހިކޮށްދިނުމެވެ.

ބީއެމްއެލްގެ "ބޭންކް ފަންޑް"ގެ ދަށުން އެ ބޭންކުން އަންނަނީ ރާއްޖޭގެ ރަށްރަށުގެ ދެމަހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ މުހިންމު މަޝްރޫއުތަކަށް މެދުކެނޑުމެއް ނެތި އެއްބާރުލުން ދެމުންނެވެ.