އުރީދޫގެ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އޮޑިގޯ އެޕާ ގުޅާލައި، އެމް-ފައިސާ މެދުވެރިކޮށް އެކި ރަށްރަށުގެ ދަތުރުތަކުގެ ބުކިންއަށް ފައިސާ ދެއްކޭނެ ފަސޭހަ އިންތިޒާމެއް އުރީދޫން ހަމަޖައްސައިދީފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، މިއީ މުޅި ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް އެޅި އިތުރު ފިޔަވަޅެއް ކަމަށާއި އޭގެ ސަބަބުން ކަސްޓަމަރުންގެ އާންމު ދަތުރުފަތުރުގެ ކަންކަން އިތުރަށް ލުއިފަސޭހަވާނެ ކަމަށެވެ.
އެމް-ފައިސާ އާއި އޮޑިގޯއިން ވަނީ ދިވެހިންނަށް ކަނޑު ދަތުރުތަކުގެ ހިދުމަތްތައް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ދިނުމަށްޓަކައި، ޕާޓްނާޝިޕެއް ހަދާފައި ކަމަށް އުރީދޫން ބުންޏެވެ.
އޮޑިގޯގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ގޮތުގައި މިހާރު އެމް-ފައިސާ ހިމަނާފައިވާއިރު، ކަސްޓަމަރުންނަށް ފެރީ އަދި ސްޕީޑްބޯޓުތަކުގެ ޝެޑިއުލްތައް ހޯދައި، ހުސްކޮށް ހުރި ދަތުރުތައް ބަލައި، އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ބުކިން ކަށަވަރުވުމާ އެކު، ކަސްޓަމަރުންނަށް ޑިޖިޓަލް ބޯޑިން ފާހެއް ދޫކުރާނެ އެވެ.
"މިއީ ފެށުނީއްސުރެ ނިމެންދެން ފަސޭހަ ޑިޖިޓަލް ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމެކެވެ،" އުރީދޫން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.
އެމް-ފައިސާ އާއި އޮޑިގޯ ޕާޓްނާޝިޕެއް ހެދުމުގެ މައިގަނޑު އެއް ބޭނުމަކީ ކަނޑުމަތީގެ ތަފާތު ހިދުމަތްތައް ބޭނުން ކުރުމަށް އެއް ޕްލެޓްފޯމެއް ގާއިމް ކޮށްދިނުން ކަމަށް އުރީދޫން ބުންޏެވެ.
"މި ހިދުމަތުގެ ސަބަބުން އޮޑިވެރިޔާ އާއި ދަތުރުވެރިންނާ ދެމެދު އެއް އެޕްލިކޭޝަނުން ގުޅާލެވޭނެ އެވެ،" އުރީދގެ ލިޔުމުގައި ވެ އެވެ.
އުރީދޫ ފިންޓެކްގެ މޯލްޑިވްސް ކަންޓްރީ ހެޑް، އަހުމަދު ނުއުމާން ވިދާޅުވީ އެމް-ފައިސާއާ މެދު އެ ކުންފުނިން ދެކެނީ ހަމައެކަނި ޑިޖިޓަލް ޕޭމަންޓްތަކަށް ވުރެ ފުޅާ ތަސައްވުރެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް ފަސޭހައިން ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ، އާންމު ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭށެވެ. އޮޑިގޯ މެދުވެރިކޮށް، ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ދަތުރުތައް ބުކްކޮށް، ފައިސާ ދެއްކޭނެ ގޮތް ހަދައިދީ، އަޅުގަނޑުމެން މިދަނީ ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުތައް އިތުރަށް ލުއިފަސޭހަކޮށްދެމުންނެވެ،" އުރީދޫން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ނުއުމާންއާ ހަވާލާދީ ބުނެފައިވެ އެވެ.
"މީގެ އިތުރުން، މި ބައިވެރިވުމުން ދައްކުވައިދެނީ ދިވެހި އުފެއްދުންތެރި ޑިޖިޓަލް އީޖާދުތަކަށް އެއްބާރުލުން ދިނުމަށާއި މުޅި ރާއްޖޭގައި އިތުރަށް ގުޅިފައިވާ ވަރުގަދަ ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތެވެ."
ކަސްޓަމަރުންނަށް އޮޑިގޯ އެޕް މެދުވެރިކޮށް ވަރަށް ގިނަ ހިދުމަތްތައް މިހާރު ވެސް ލިބެމުން އަންނަކަން އެ ކުންފުނިން ފާހަގަކުރި އެވެ.
އޭގެ ތެރޭގައި ކަސްޓަމަރުންނަށް ޒިޕްލައިން މޯލްޑިވްސް ފަދަ ތަޖުރިބާތައް ބުކްކުރުމާއި އުޅަނދުފަހަރާއި ފްލީޓްތައް ބަލާލުމާއި އުޅަނދުފަހަރުގެ ވެރިންނާއި ފްރީލާންސް ކެޕްޓަނުންނާ ގުޅާލުމުގެ އިތުރުން، މަސްވެރިކަމުގެ ސާމާނާއި ކަނޑުދަތުރުފަތުރުގެ އާލާތްތަކާއި އެހެނިހެން އުފެއްދުންތައް ހިމެނޭ މާކެޓްޕްލޭސްއެއް ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ.
"މީގެ އިތުރުން މި ޕްލެޓްފޯމުގައި ރާއްޖޭގެ ތަފްސީލީ ކަނޑުގެ ޗާޓެއް ކަމަށްވާ އޮޑިމެޕް އަދި ކަނޑާއި މަސްވެރިކަމުގެ ލަފާކުރުންތައް ހިމެނޭހެން ދިވެހި ސަގާފީ މޫސުމީ މައުލޫމާތު ފޯރުކޮށްދޭ ނަކަތް ހިމެނެ އެވެ،" އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ޑިޖިޓަލް ވެފައިވާ ދުނިޔޭގައި، މިހާރު ކޭޝް ސާވިސްގެ ބަދަލުގައި ގިނަ ބަޔަކު ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރަމުންދާތީ، މިފަދަ ހިދުމަތްތަކުން ކަސްޓަމަރުންނަށް ފަސޭހަވާނެ އެވެ.
އަދި އެ ކުންފުނީގެ ތަސަައްވުރަކީ ރާއްޖޭގެ އުފެއްދުންތައް މި ޕްލެޓްފޯމުގެ ތެރެއިން އާންމުކޮށް، ރާއްޖެއިން ބޭރަށް ޝޯކޭސް ކުރުން ކަަމަށް ބުންޏެވެ.
އުރީދޫ އެމް-ފައިސާއަކީ އުރީދޫ ފިންޓެކްގެ ދަށުން އުފައްދާފައިވާ ޑިޖިޓަލް މޯބައިލް ކީ ވޮލެޓެކެވެ. މިއީ ރާއްޖޭގައި ލައިސަންސް ދީފައިވާ އެންމެ ފުރަތަމަ ޑިޖިޓަލް މޯބައިލް ކީ ވޮލެޓް ވެސް މެ އެވެ.
އެމް-ފައިސާއަކީ ފައިސާ ފޮނުވުމާއި ލިބުމާއި ބިލް ދެއްކުމާއި މާޗަންޓް ޕޭމަންޓާއި އަދި ޕިއާ ޓު ޕިއާ ޓްރާންސްފާ ކުރެވޭ ޓެކްނޮލޮޖީ ވިޔަފާރިއެކެވެ.
އޮޑިގޯއަކީ ކަންޑު ދަތުރުފަތުރާއި ބޯޓު ޗާޓަރުކުރުމާއި އެކި ރަށްރަށުގައި ކަނޑުގެ ދަތުރުތައް ބުކިން ހަދައިދޭ ދިވެހިންގެ މޮބައިލް އެޕެކެވެ.