ޒުވާނުންގެ ހުނަރު ކުރިއަރުވައި ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވަން މާދަމާ ފަށާ "ވަރަ އެކްސްޕޯ"ގެ އެމްއައިބީ ސްޓޯލުން ވަޒީފާގެ ފުރުސަތުތަކާ އެކު "ފައިސާ ވެއާ ޓެގް" ފަދަ އަގު ހުރި ހަދިޔާތައް ހޯދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ހޯމް މިނިސްޓްރީން އިންތިޒާމްކުރާ، ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ ކުރިއަށް ގެންދާނީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
އެމްއައިބީން ބުނީ ވަރަ އެކްސްޕޯގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް ޝައުގުވެރި ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.
ވަޒީފާއަށް ކުރިމަތިލާއިރު ސީވީ އިތުރަށް ފުރިހަމަކުރާނެގޮތުގެ އަމަލީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ސީވީ ކްލިނިކެއް އެ ސްޓޯލުގައި ކުރިއަށްދާނެ އެވެ. މީގެ އިތުރުން، އެ ބޭންކުގެ ހިއުމަން ރިސޯސް ޓީމާ ބައްދަލުކޮށް، އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށް ދެވޭނެ މަގުތަކާ ބެހޭ މައުލޫމާތު ހޯދުމަށް "ކެރިއާ ކޯނާ" އެއްވެސް ހުންނާނެ ކަމަށް އެމްއައިބީން ބުންޏެވެ.
މީގެ އިތުރުން އެ ސްޓޯލަށް ދާ މީހުންނަށް ހާއްސަކޮށްގެން، "މެގަ ބަޒާ" ގޭމާއި "ސްޕިން އެންޑް ވިން" ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ހަރަކާތްތަކުގައި ބައިވެރިވެގެން "ފައިސާވެއާ ޓެގް" ފަދަ އަގުހުރި އިނާމުތަކާއި ހަދިޔާތައް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ހުނަރުވެރި ޒުވާނުންނާ ގުޅުން ބަދަހިކޮށް، ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރުދިނުމާއެކު މުޖުތަމައަށް ފައިދާހުރި ބަދަލެއް ގެނެވޭ ފަދަ ދާއިރާއަކުން ކުރިއަށް ދިއުމަށް ޒުވާނުންނަށް ހިތްވަރުދިނުމެވެ.
ދަރިވަރުންނާއި ދަސްވެނިންނާއި ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން އާ ފުރުސަތުތައް ހޯދުމަށް ޝައުގުވެރިވާ ވީހާވެސް ގިނަ ބަޔަކު ވަރަ އެކްސްޕޯގައި ބަހައްޓާފައިވާ އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ބޭންކާއެކު ކުރިއަށް ދިއުމަށް ހުރި ފުރުސަތުތައް ބަލާލަން އެމްއައިބީން ދައުވަތު ދެ އެވެ.