"ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފެޓް ދިރާގުން މި އަހަރު ވެސް ހާސިލްކޮށްފި އެވެ.

އެއީ މުވައްޒަފުންގެ ތަޖުރިބާ އާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ހުރިހާ މުވައްޒަފުން ޝާމިލުވާ އަދި މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ހާމަކޮށްްދިން ކަމެއް ކަމަށް އެ ކާމިޔާބީއާ އެކު ދިރާގުން މިއަދު ބުންޏެވެ.

ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަނަ،ީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓްފިކެޓެކެވެ. މިއީ "ޓްރަސްޓް އިންޑެކްސް ސާވޭ" ގެ ޒަރިއްޔާއިން މުވަޒަފުންގެ ފަރާތުން އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ސެޓްފިކެޓެއްކަން ދިރާގުން ފާހަގަކުރެ އެވެ. އެ ސާވޭ މެދުވެރިކޮށް، މުވަޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި އިހްތިރާމާއި ކުންފުންޏާ މެދު ފަހުރުވެރިވާ މިންވަރު އަދި ކުންފުނީގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް މިން ކުރެ އެވެ.

ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު، އަޒްހާ ޒަމީރު ވިދާޅުވި ގޮތުގައި، ޖެހިޖެހިގެން ދެވަނަ އަހަރު 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ލިބުމަކީ، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާ އެކު ބިނާކޮށްފައިވާ ހަރުދަނާ މަސައްކަތުގެ މާހައުލު އެގޮތުގައި ދަމަހައްޓައި، އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ.

"މި ސަގާފަތް ބިނާވެފައިވަނީ އިތުބާރާއި އިހުތިރާމުގެ އިތުރުން އެކަކު އަނެކަކަށް ދޭ އެއްބާރުލުމުގެ މައްޗަށް. މިއީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދިރާގުގެ މުވައްޒަފަކަށް ވީތީ ފަހުރުވެރިވާ ފަދަ ވެއްޓެއް ގާއިމުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ. އަދި، މި ސަގާފަތް ދެމެހެއްޓުމުގައި ދިރާގުގެ މުވައްޒަފުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

އަޒްހާ ވިދާޅުވި ގޮތުގައި ދިރާގުގެ މުވައްޒަފުންގެ އަމާޒަކީ މި ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުރިމަގުގައި ވެސް ހަރުދަނާ މިންގަނޑުތައް ހިފަހައްޓައި، މުވައްޒަފުންގެ ބައިވެރިވުން އިތުރު ކުރުމެވެ. އަދި މުވައްޒަފުންގެ ކުރިއެރުމާއި ހުނަރު ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި ދިރާގު ސާބިތުވެ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން އަންނަނީ އެ ކުންފުނީގެ މުވަޒައްފުންގެ ކުރިއެރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި، މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުން ކަމަށް ބުންޏެވެ.

"އެގޮތުން 99.9 ޕަސެންޓު ދިވެހިންގެ މައްޗަށް ހިންގާ މުވައްޒަފުންގެ ޓީމެއް މަސައްކަތްކުރާ މި ކުންފުންޏަކީ މަސައްކަތުގެ މައިދާނުގައި ދިވެހީންގެ ކުރިއެރުވުމަށް އިސްކަންދޭ، ލީޑަޝިޕް ޑިވެލޮޕްމަންޓް އަދި ވޯކް-ލައިފް ބެލެންސަށް އިސްކަންދީގެން، އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް އޮތް މަސައްކަތުގެ މާހައުލެއް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެކެވެ،" ދިރާގުން މީޑިއާއާ މިއަދު ހިއްސާކުރި މައުލޫމާތުތަކުގައި ވެ އެވެ.