އެލައިޑުން ގެސްޓްހައުސް އިންޝުއާ ކޮށްގެން، ވޯލްޑް ޓްރެވަލް މާކެޓުގައި އިސްތިހާރު ކުރުމުގެ ފުރުސަތު ދެނީ

އެލައިޑް އިންޝުއަރެންސްގެ ގެސްޓްހައުސް އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.


އެ ކުންފުނިން ބުނީ ގުރުއަތުގައި ބައިވެރިވެވޭނީ އޮކްޓޫބަރު އެކެއްގެ ކުރިން، އަލަށް ގެސްޓްހައުސް އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކަށް ކަމަށެވެ. އެލައިޑްގެ އަޔާދީ ތަކަފުލްގެ ގެސްޓް އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ގުރުއަތުން ހޮވޭ ފަރާތަކަށް ޑަބްލިއުޓީއެމްގައި ގެސްޓްހައުސް ޕްރޮމޯޓް ކުރުމުގެ ފުރުސަތާއެކު ލަންޑަން ދެކޮޅު ޓިކެޓުގެ އިތުރުން 2،100 ޑޮލަރު ލިބޭނެ އެވެ. ޑަބްލިއުޓީއެމް އޮންނާނީ ނޮވެމްބަރު 6-8 އަށް ލަންޑަންގަ އެވެ.

ގެސްޓްހުސް އިންޝުއަރެންސްގެ ހިދުމަތް ފުޅާކުރަން އެލައިޑުން މަސައްކަތް ކުރަމުން އަންނަ އިރު، ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެގޮތުގައި އެ ކުންފުނިން އަންނަނީ ބޮޑެތި އަދަދުތަކެއް ދޫކުރަމުންނެވެ. އެގޮތުން މި މަހުގެ 10-14 އަށް، ބަދަލުގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ދޫކޮސްފައިވެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސް ހިދުމަތް ދެމުން އަންނަ ކުންފުނިން ހާމަ ކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އިންޝުއަރެންސްގެ ޖުމްލަ އަގު ވަނީ 120 މިލިއަން ޑޮލަރަށް (1.9 ބިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.