ގެސްޓް ހައުސް އެސޯސިއޭޝަނުގެ އިންޝޫރެންސް ޕާޓްނަރަކަށް އެލައިޑް އިންޝޫރެންސް ހަމަޖައްސައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެލައިޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު އެވެ. ގެސްޓް ހައުސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ނައިބު ރައީސް މޫސާ ނާސިހު އެވެ.
އެލައިޑުން ބުނީ އެއް އަހަރުދުވަހުގެ މި އެއްބަސްވުމުގެ ދަށުން އެލައިޑުން ގެސްޓް ހައުސްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެލައިޑްގެ "ގެސްޓް ހައުސް އިންޝޫރެންސް" އާ ގުޅޭ މައުލޫމާތު އެސޯސިއޭޝަނުން، ރާއްޖޭގެ ގެސްޓް ހައުސްތަކަށް ފަތުރައިދޭނެ ކަމަށް ވެސް އެލައިޑުން ބުންޏެވެ.
ޝަފާޒު ވިދާޅުވި ގޮތުގައި ގެސްޓް ހައުސް ދާއިރާ ފުޅާވެގެން އަންނަ އިރު އެ ތަންތަނަށް ލިބެން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގުސަދެވެ. މި އެއްބަސްވުމުގެ ދަށުން ތަފާތު އިންޝޫރެންސް ޕެކޭޖްތައް ގެސްޓް ހައުސްތަކަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގެސްޓް ހައުސް އިންޑަސްޓްރީ މިދަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުން. އެހެންކަމުން އެ ގެސްޓް ހައުސްތަކަށް ލިބެން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަގްސަދު،" ޝަފާޒު ވިދާޅުވި އެވެ.