އެލައިޑުން ގެސްޓްހައުސް އިންޝުއަރެންސް ޕްރޮމޯޝަނުގެ ގުރުއަތުލުން ބާއްވައިފި

އެލައިޑް އިންޝުއަރެންސްގެ ގެސްޓްހައުސް އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ލިބޭގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.


މި މަހުގެ އެއް ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ގެންދިޔަ ޕްރޮމޯޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނީ ފ. ނިލަންދޫ، "ނިލަންދެ އިން" ގެސްޓް ހައުސް އެވެ.

ގުރުއަތުން ހޮވުމާ ގުޅިގެން ނިލަންދެ އިން އަށް، ޑަބްލިއުޓީއެމްގައި ޕްރޮމޯޓް ކުރުމުގެ ފުރުސަތާއެކު ލަންޑަން ދެކޮޅު ޓިކެޓާއި 2،100 ޑޮލަރު ލިބޭނެ އެވެ. ޑަބްލިއުޓީއެމް އޮންނާނީ ނޮވެމްބަރު 6-8 އަށް ލަންޑަނުގަ އެވެ.

ގެސްޓްހައުސް އިންޝުއަރެންސްގެ ހިދުމަތް ފުޅާކުރަން އެލައިޑުން މަސައްކަތް ކުރަމުން އަންނަ އިރު، ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެގޮތުގައި އެ ކުންފުނިން އަންނަނީ ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 10-14 އަށް، ބަދަލުގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސް ހިދުމަތް ދެމުން އަންނަ ކުންފުނިން ހާމަ ކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އިންޝުއަރެންސްގެ ޖުމްލަ އަގު ވަނީ 120 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.