"ޕީއެސްއެމް ކަނެކްޓް"ގެ ނަމުގައި ކޭބަލް ޓީވީގެ ހިދުމަތް ތައާރަފްކޮށްފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން "ޕީއެސްއެމް ކަނެކްޓް"ގެ ނަމުގައި ކޭބަލް ޓީވީގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ޗެނަލްތައް ހިމެނޭ "ޕީއެސްއެމް ކަނެކްޓް"ގެ ހިދުމަތް ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.


"މިހާރު"އާ ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ކޭބަލް ޓީވީ ހިދުމަތް ދިނުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދިނީ އިންޓަނެޓް މެދުވެރިކޮށް ވައިފައި ޓީވީތަކަށާއި ޓެބްލެޓް އަދި ސްމާޓް ފޯނުތަކަށް ކަމަށެވެ. އޭގެ އިތުރުން އުރީދޫ އާއި އާރުއޯއެލްގެ ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ވެސް ޕީއެސްއެމް ކަނެޓް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ފިޔަވަހި މި ލޯންޗްކުރީ ޓެބްލެޓްތަކަށާއި ފޯނުތަކަށާއި އުރީދޫގެ ބްރޯޑްބޭންޑް ނަގާފައިވާ ޕެކެޖްތައް ނަގާފައިވާ ފަރާތްތަކަށް. އަދި އާރުއޯއެލްގެ ކަސްޓަމަރުންނަށް އެއް އަހަރުވަންދެން ހިލޭ ދޭން އެ ކުންފުނިން ވަނީ ނިންމާފައި،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރި އުސޫލުން އެ ހިދުމަތް ދޭން ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. އަދި ކޮމާޝަލް ސާވިސްއެއް ގޮތުގައި ފެށެންދެން ހިލޭ އެ ހިދުމަތް ލިބޭނެ ކަމަށް ވެސް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން މި ހިދުމަތް އާއްމުކޮށް ހުޅުވާލީ އެއްފަހަރާ ގިނަ މީހުން ބޭނުންކުރީމަ ދިމާވާ މައްސަލަތައް ދެނެގަތުމަށް. އަދި ކަސްޓަމަރުންނަށް ވެސް އެ ޗެނަލްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދޭން،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީއެސްއެމް ކަނެޓް ތައާރަފްކުރިއިރު އާއްމު ބާލަހިތްވާ ކަހަލަ 60 ޗެނަލް ހިމެނޭނެ ކަމަށެވެ. އަދި އެ ހިދުމަތް އާއްމުކޮށް ހުޅުވާލިއިރު 2،000 އަށް ވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

"މި ހިދުމަތް ވިޔަފާރި އުސޫލުން ދޭން ފަށާއިރު ކޭބަލް މެދުވެރިކޮށް ބަލަން ބޮކްސްއެއް ބޭނުންކުރަން ޖެހޭނެ. އޭރުން ދިވެހިން ބަލާހިތްވާ ހުރިހާ ޗެނަލެއް ހުންނާނެ. އަޅުގަނޑުމެން އެއްވެސް ބަޔަކާ ވާދައެއް ނުކުރާނެ. ބޭނުންވަނީ ފެންވަރު ރަނގަޅު ގިނަ ޗެނަލްތަކެއް ކަސްޓަމަރުންނަށް ދޭން،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ "ޕީއެސްއެމް ކަނެކްޓް"ގެ ހިދުމަތަކީ ސްމާޓް ޑިވަސްތައް މެދުވެރިކޮށް މުޅި ރާއްޖެއަށް އެއްފަހަރާ ދެވުނު މިފަދަ ފުރަތަމަ ހިދުމަތް ކަމަށެވެ. އަދި އެ ހިދުމަތުގައި މަޝްހޫރު ޓީވީ ޗެނަލްތަކުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑްގެ ހިދުމަތް ވެސް ހިމެނިފައިވާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.