އެމްޓީސީސީގެ ހިއްސާ ވިއްކައިގެން ލިބުނީ 188 މިލިއަން ރުފިޔާ

އެމްޓީސީސީގެ ހިއްސާ ވިއްކައިގެން 310 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް މުއްދަތު ހަމަވިއިރު، ލިބުނީ 188 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.


ސަރުކާރާއި އާއްމުން ހިއްސާވާ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިއްސާ ވިއްކަން ހުޅުވާލި މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިލަޔަށް ހަމަވިއިރު، 4،334 ހިއްސާދާރުން ގަނެފައި ވަނީ 188.3 މިލިއަން ރުފިޔާގެ ހިއްސާ ކަމަށެވެ. އެ ކުންފުނިން ހުޅުވާލީ ހިއްސާދާރުންނަށް ފަސް މިލިއަން ހިއްސާ ވިއްކުމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު ވިކިފައި ވަނީ ތިން މިލިއަން ހިއްސާ އެވެ.

އެމްޓީސީސީން ވަނީ އާއްމުންނެކޭ އެއްގޮތަށް ސަރުކާރަށް ވެސް އެ ހިއްސާ ގަތުމުގެ ފުރުސަތު ދީފަ އެވެ. ސަރުކާރަށް އެ ފުރުސަތު ދޭން ނިންމީ ކޮންނަ ބޯޓު، މަހާޖައްރާފު ގަންނަން ސަރުކާރުން 11 މިލިއަން ޑޮލަރު (169.6 މިލިއަން ރުފިޔާ)ގެ ލޯނެއް ދިނުމުންނެވެ.

އެހެން ކަމުން އެމްޓީސީސީން ވިއްކަން ހުޅުވާލި ހިއްސާގެ ތެރެއިން ވިކުނީ 18 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އަދި ހިއްސާ ވިއްކައިގެން ލިބުނު 188 މިލިއަން ރުފިޔާގެ ތެރެއިން 169.6 މިލިއަން ރުފިޔާއަކީ މަހާޖައްރާފު ގަންނަން ދިން ލޯނެވެ. އެ ލޯނު މިހާރު ވަނީ އިކުއިޓީއަށް ބަދަލުކޮށްފަ އެވެ.

މިދިޔަ އޮކްޓޯބަރު 19 ގައި އެމްޓީސީސީން ހުޅުވާލީ އެ ކުންފުނީގެ ހިއްސާ އޮންނަ ކޮންމެ މީހަކަށް އެ މީހެއްގެ އަތުގައި ހިއްސާ އޮތް މިންވަރަށް ހިއްސާ ގަނެވޭ ގޮތަށެވެ. ހިއްސާއެއް ވިއްކީ 62ރ.ގެ ރޭޓުންނެވެ.

އެ ކުންފުނިން ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށް ހިއްސާ ވިއްކަން މަސައްކަތްކޮށްފަ އެވެ.

އެމްޓީސީސީން ބުނިގޮތުގައި ލިސްޓިން ގަވައިދުގައިވާ ގޮތުގެ މަތިން ކަނޑައެޅި ހިއްސާ ލިސްޓް ކުރަން މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީއަށް ވަނީ ފޮނުވައިފަ އެވެ.