އެމްޓީސީސީއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ 67 މިލިއަން ރުފިޔާއަށް އަރައިފި

އެމްޓީސީސީއަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 67 މިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކައިފި އެވެ.


މައިގަނޑު ވިޔަފާރިއެއްގެ ގޮތުގައި ބަނދަރުހެދުމާއި ބިން ހިއްކުން އަދި ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިން ނެރުނު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުގައި ލިބުނު ފައިދާއަށް ވުރެ މިދިޔަ ކުއާޓަރުގައި ލިބުނު އަދަދު ވަނީ 65 ޕަސެންޓް އިތުރުވެފަ އެވެ.

އެމްޓީސީސީގެ މިދިޔަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 385.1 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި ވިޔަފާރިކުރުމަށް ކުރި ހަރަދުތައް ކަނޑައި، ޖުމްލަ ފައިދާގެ ގޮތުގައި 133.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ މާކެޓިން އާއި ވިޔަފާރިއަށް ކުރި ހަރަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ބީޕީޓީގެ ގޮތުގައި 7.4 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.