ބޭރުގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއް ރާއްޖެ އެތެރެކުރާ، ރެފްކޫލް އިން ވިއްކާ ހުރިހާ އެއްޗެއް ވެސް އިންސްޓޯލްމަންޓް ސްކީމެއްގެ ތެރެއިން ދޫކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރެފްކޫލްގެ މާކެޓިން މެނޭޖަރު އަލީ ރައްޒާން މިއަދު ވިދާޅުވީ، އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ ކޮންމެ އެއްޗެއް ވެސް އިންސްޓޯލްމަންޓަށް ނެގޭނެ ކަމަށެވެ. އަދި އެ މީހަކަށް އެންމެ ގިނައިން ނެގޭނެ އަދަދު ކަނޑައެޅޭނީ، ލިބޭ އާމްދަނީ އަށް ބެލުމަށް ފަހު ކަމަށް ވެސް ރައްޒާން ވިދާޅުވި އެވެ.

"މިއީ ރާއްޖޭގައި އިންޓަރެސްޓް އެންމެ ކުޑަކޮށް މި ގޮތަށް ދޫކުރާ އިންސްޓޯލްމެންޓް ޕްލޭނަށް ވާނެ. ކޮންމެ އެއްޗެއް ވެސް ނެގޭނެ،" ރައްޒާން ވިދާޅުވި އެވެ.

"މިސާލަކަށް ގްރީ އޭސީއެއް ނެގިދާނެ މިހާރު މަހަކަށް 700ރ. ދައްކާ ގޮތަށް."

މަޝްހޫރު ގްރީ އޭސީ ވިއްކާ ކުންފުނީގެ ފިހާރަތަކުން އިންސްޓޯލްމެންޓަށް މުދާ ނެގޭނީ، ހަ މަސް ދުވަހުގެ ބޭންކް ސްޓޭޓްމެންޓް ހުށަހަޅައި، އިންސްޓޯލްމެންޓަށް ނަގާ މުއްދަތަށް ކަނޑައެޅޭ ވަރަށް ޑޭޓެޑް ޗެކް ދިނުމުންނެވެ.

ރައްޒާން ވިދާޅުވި ގޮތުގައި އިންސްޓޯލްމެންޓަށް ނަގާ މުދަލަށް ފައިސާ ދައްކަން 12 މަސް ދުވަހުގެ މުއްދަތަށް ބަހާލެވޭނެ އެވެ. ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހޭނީ ފުރަތަމަ މަހުގެ ޕޭމަންޓް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޝްހޫރު ގެލެންޒް އަދި ސްކައިވޯތް އޭސީ ވެސް ވިއްކާ ލެޓްސް ކޫލް ފިހާރަ ތަކަކީ ވެސް ރެފްކޫލްގެ ދަށުން ހިންގަމުން އަންނަ ތަންތަނެވެ. އެހެންކަމުން އެ ފިހާރަތަކުން ވެސް މިހާރު އިންސްޓޯލްމެންޓަށް މުދާ ނެގޭނެ އެވެ.

އޭސީގެ އިތުރުން ގޭގެ އަށް ބޭނުންވާ އައިސް އަލަމާރި އާއި ދޮންނަ މެޝިނު ފަދަ ގިނަ އެއްޗެހި ވެސް އެ ރެފްކޫލްގެ ފިހާރަތަކުން ވިއްކަ އެވެ. އަދި މަޝްހޫރު ލިކުއިމޯލީ އަޑީ ތެލާއި އެފަދަ ގިނަ ސާމާނުތައް ވެސް އެ ކުންފުނީގެ ކޫލްރައިޑް ފިހާރަ އިން ވިއްކަ އެވެ.

ރައްޒާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ޕްރޮޑަކްޓް ރޭންޖް ވަރަށް ބޮޑަށް އިތުރުކޮށް، ޓީވީ ފަދަ ސާމާނު ވެސް އިންސްޓޯލްމެންޓަށް ނެގޭ ގޮތަށް ހަދާނެ ކަމަށެވެ.