ގެދޮރު ގަތުމަށް ބޭނުންވާ ޑައުން ޕޭމަންޓް ދައްކަން ޕެންޝަން އޮފީހުން ސީބީއެމްއާ އެކު ސޮއިކޮށްފި

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންގެ ތެރެއިން ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް ޑައުން ޕޭމަންޓް ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ޕެންޝަން އޮފީހުން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އާ އެކު މިއަދު ސޮއިކޮށްފި އެވެ.


ޕެންޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު މަނިކެވެ. ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ ޓްރީ ޓޮޕް އިންވެސްޓްމެންޓުގެ ހިއްސާ އޮންނަ ސީބީއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ދިލަން ރާޖަޕަކްސެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަނިކު ވިދާޅުވީ، ގެދޮރު ގަތުމަށް ރިޓަޔަމެންޓް ޕެންޝަން ސްކީމުން މިހާތަނަށް 74 މީހަކު ލޯނު ނަގާފައިވާ ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕެންޝަން އޮފީހުގެ ޗީފް އެގްޒެކްޓިވް އޮފިސަރު މަނިކު.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"ވަރަށް ގިނަ ރައްޔިތުންތަކަކަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް [ޕެންޝަން ފަންޑުން ޑައުންޕޭމަންޓް ދެއްކުމަކީ] މިއީ. އެކަމަށް އަޅުގަނޑުމެން ފަޚުރުވެރިވަން. އަދި މިކަން ފުޅާކުރުމުގެ ގޮތުން ނުވަތަ އަޅުގަނޑުމެންނާ ގުޅިފައިވާ ހަތަރު ޕާޓްނަރުންނަށް ވެސް އަޅުގަނޑުމެން ޝުކުރު ދަަންނަވަން،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕެންޝަން ފަންޑުން އިތުރު ކަންކަމަށް ފުރުސަތު ދެވޭނީ ޕެންޝަން ގާނޫނަށް އިސްލާހު ގެނެސްގެންނެވެ. އަދި އެފަދަ ބަދަލުތައް ގެނައުމަށް މިހާރު ދިރާސާއެއް ހަދަމުން އަންނަ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ފަންޑުން އިތުރު އިންވެސްޓްމަންޓްތައް ކޮށް، ފަންޑު ފުޅާކުރުމަށް ވޯލްޑް ބޭންކް ފަދަ ބޭރުގެ އިދާރާތަކާ ގުޅިގެން ފަންނީ ދިރާސާއެއް ހަދަމުން އަންނަ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ދިލަން.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ދިލަން ވިދާޅުވީ ޕެންޝަން ސްކީމް މެދުވެރިކޮށް ގެދޮރު ގަތުމަށް ގިނަ ބައެއްގެ ޝަރުތު ފުރިހަމަ ވުމަކީ އެންމެ ބޮޑު އުއްމީދު ކަމަށެވެ. އަދި ސީބީއެމްގެ އަމާޒަކީ ވީހާ ވެސް ލުއި ފަސޭހަކޮށް ގެދޮރު ގަންނަން ފައިނޭންސް ކޮށްދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހައުސިން ލޯނަށް އިތުރު ލުއިތައް ދީގެން، ވީހާވެސް ފުޅާކޮށް ކުރިއަށް ގެންދިއުން. އެޕާޓްމަންޓް ގަތުމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ދާއިރުން ފެށިގެން ގޮސް މަސައްކަތް އެއްކޮށް ނިންމުމަށް ބޭނުންވާ ލޯނުތައް ލިބޭނެ،" ދިލަން ވިދާޅުވި އެވެ.

ގެދޮރު ގަންނަން ޑައުން ޕޭމަންޓުގެ ގޮތުގައި ޕެންޝަން ސްކީމްގައި ހުންނަ އެމީހެއްގެ ފައިސާގެ 80 ޕަސެންޓް، ގެދޮރު ގަންނަން ބޭނުންކުރެވެ އެވެ.

ޕެންޝަން ފަންޑުން މެދުވެރިކޮށް ޑައުންޕޭމަންޓް ދެއްކުމަށް މިހާތަނަށް ސީބީއެމްގެ އިތުރުން ބީއެމްއެލް އާއި އިސްލާމިކް ބޭންކް އަދި އެޗްޑީއެފްސީންއާ އެކު ވަނީ ސޮއި ކޮށްފަ އެވެ.