އައްޑު އާއި ފުވައްމުލަކުގެ ހިޔާމަތްކޮށްފައިވާ ސަރަހައްދުގައި ވިޔަފާރި އުސޫލުން ނަގާ ފޮޓޯ އާއި ވީޑިއޯތަކަށް ފީއެއް ނަގަނީ

އައްޑޫގެ ހިމާޔަތްކޮށްފައިވާ ސަރަހައްދާއި ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި ސަރަހައްދުގައި ވިޔަފާރީގެ އުސޫލުން ނަގާ ފޮޓޯ އާއި ވީޑިއޯ އަށް ފީއެއް ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.


ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ގަވައިދުގައިވާ ގޮތުން އެ ސަރަހައްދުގައި ފޮޓޯ އާއި ވީޑިއޯ ކުރަން އެތަނުގެ މެނޭޖްމަންޓް ޔުނިޓްގެ ހުއްދަ ލިބިގެންނެވެ. އަދި އެތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ތާރީހުގެ ތިން ދުވަސްކުރިން ހުއްދަ ހޯދަން އެދި ފޯމް ހުށަހަޅަން ޖެހެ އެވެ.

އައްޑޫ ސިޓީގެ ހިތްގައިމު މަންޒަރެއް. އައްޑޫގެ އީދިގަލި ކިޅި ސަރަހައްދުގައި ވީޑިއޯ އާއި ފޮޓޯ ވިޔަފާރި އުސޫލުން ނަގަން ފީއެއް ދައްކަން ޖެހޭ --ފޮޓޯ: ނަޖް

އެ ގަވައިދުގައިވާ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ފޮޓޯ ސެޝަނަކަށް ހޭދަކުރެވޭނީ ގިނަވެގެން ފަސް ގަޑިއިރެވެ. އަދި އެ ސަރަހައްދުގައި ޑްރޯން ބޭނުންކުރެވޭނީ މެނޭޖްމަންޓް ޔުނިޓްގެ މުވައްޒަފަކު ހުރެގެންނެވެ. ޑްރޯން ދޫނިސޫފާ ސޫތްޕާ 15 ފޫޓަށް ވުރެ ކައިރިގެންނުވާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.

އެ ގަވައިދުގައިވާ ގޮތުން ވިޔަފާރި އުސޫލުން ނަގާ ފޮޓޯގްރަފީ ކޮންމެ ސެޝަނަކަށް 500ރ. އަދި ވީޑިއޯގްރަފީ ކޮންމެ ސެޝަނަކަށް 3،000ރ. ދައްކަން ޖެހެ އެވެ. އޭގެ އިތުރުން ޑްރޯން ބޭނުންކުރާ ނަމަ 100ރ. ދައްކަން ޖެހެ އެވެ.

އެ މިނިސްޓްރީން ނެރުނު ގަވައިދުގައިވާ ގޮތުން އައްޑޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދާއި ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި ސަރަހައްދުގައި ވިޔަފާރި އުސޫލުން ވިއްކަން ރިސާޗެއް ހަދާ ނަމަ 3،000ރ.ގެ ފީއެއް ދައްކަން ޖެހެ އެވެ.