ފުވައްމުލަކު ފުނާޑު އަވަށު ބަންޑާރަ ކިޅީގައި ބޯޑްވޯކް ރެއިލިންތައް ހަލާކުކޮށް، ބަޔަކު އިއްޔެ ގެއްލުން ދީފި އެވެ. 

އެތަނަށް ގެއްލުން ދީފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު އާންމުކޮށް ބުނީ، ބަންޑާރަ ކިޅި ބޯޑްވޯކް ރެއިލިންތައް ހަލާކުކޮށް، ރެއިލިންތަކުގެ ބައިތައް ޗަސްބިން ތެރެއަށް އުކާލާފައިވާ ކަމަށެވެ.

އެތަނަށް ތަކުރާރުކޮށް ގެއްލުން ދޭ ކަމަށް ބުނެ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މިތަނަށް މިހެން ތަކުރާރުކޮށް ގެއްލުން ދިނުމަކީ ވަރަށްވެސް ހިތާމަވެރި ކަމެއް،" ސިޓީ ކައުންސިލުން ބުންޏެވެ. 

ބޯޑްވޯކްއަކީ މިރަށަށް ޒިޔާރަތްކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރު މީހުންގެ މެދުގައި މަގުބޫލު، ރަށުގެ އެއް ފަހުރު ކަމުގައި ވާހިނދު، މިކަންތައް މިހެން ނުކުރުމަށް އިލްތިމާސް ކުރަން."

ފުވައްމުލަކުގެ ދެކުނުކޮޅުން މިސްކިތްމަގު އަވަށާއި ދޫޑިގަން އަވަށާއި މާލެގަން އަވަށުގެ މެދުގައި ވާ ބަންޑާރަ ކިޅި އަދި އެ ކިޅިޔާ ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ، ވެށީގެ މުއްސަނދިކަން ދައްކުވައިދޭ ސަރަހައްދެކެވެ. 

މިދިޔަ އަހަރު ނޮވެމްބަރުގައި ބަންޑާރަ ކިޅީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 360،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ އަނދައިފަ އެވެ.

ބޮޑުމިނުގައި 4.74 ހެކްޓަރު ހުންނަ އެ ކިޅިއަކީ ޖޫން 18، 2012 ގައި ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. 

ރާއްޖޭގައި އެންމެ ފުރަތަމަ ހެދި ނޭޗާ ޕާކަކީ ވެސް ފުވައްމުލަކުގެ ބަންޑާރަ ކިޅީގައި ހެދި ޕާކެވެ. އެތަން ހުޅުވީ ސެޕްޓެމްބަރު 14، 2018 ގަ އެވެ.