އަލަށް އިންތިހާބުކުރި ކައުންސިލްގެ ތެރެއިން އަންހެނުންނަށް މެޖޯރިޓީ ލިބުނު ހަމައެކަނި ސިޓީ ކައުންސިލަކަށް، ފުވައްމުލަކު ސިޓީ ކައުންސިލް ވެއްޖެ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެ ސިޓީގެ މޭޔަރާއި ފުވައްމުލަކުގެ އަށް ދާއިރާއަކަށް ކައުންސިލަރުން އިންތިހާބުކުރި އެވެ. އޭގެ ތެރެއިން، އަންހެނުންނަށް ހާއްސަކޮށްފައިވަނީ ތިން ގޮނޑި އެވެ. އެއީ ދަޑިމަގު އަދި މާލެގަން އަދި ދޫނޑިގަން ދާއިރާ އެވެ.
އަންހެނުންނަށް ހާއްސަ ތިން ގޮނޑީގެ އިތުރުން އާއްމުކޮށް ހުޅުވާލި ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ވެސް ކާމިޔާބުކުރީ އަންހެނުންނެވެ. އޭގެ ނަތީޖާއަކީ، އާ ކައުންސިލްގައި އަންހެން ހަ ކައުންސިލަރުންނާ އެކު، މެޖޯރިޓީ ލިބުމެވެ.
އެ ކައުންސިލްގައި ފިރިހެން މެމްބަރުންނަށް ތިއްބެވީ މޭޔަރު އިސްމާއިލް ރަފީގުގެ އިތުރުން ދިގުވާނޑު ދާއިރާއަށް އިންތިހާބުވި ކައުންސިލަރު ހަސަން ޝިރުހާން އަދި މިސްކިތްމަގަށް ހޮވުނު މުހައްމަދު ޟިރާރެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ދަޑިމަގު ވޯޓު އެއްވަރުވުމުން އިއްޔެ ވަނީ ދެ ވަނަ ބުރު ބާއްވައި އެ ގޮނޑި އަށް ކައުންސިލަރެއް އިންތިހާބުކޮށްފަ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އެ ގޮނޑި ކާމިޔާބުވީ އަމިއްލަ ގޮތުން ކުރިމަތިލި ޝީޒާ އިބްރާހިމަށެވެ. އެހެންވެ، އެ ކައުންސިލަށް މި ފަހަރު ޕީއެންސީން ފުރުސަތެއް ނުލިބުނެވެ.
ފުވައްމުލަކުގެ އިތުރުން ހދ ކުޅުދުއްފުށި، މާލެ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ ކައުންސިލަށް ވެސް ގިނަ އަންހެނުން އިންތިހާބުވި އެވެ. ނަމަވެސް، މެޖޯރިޓީ ލިބޭ ވަރަށް އަންހެނުން އިންތިހާބުވީ ފުވައްމުލަކު ސިޓީ ކައުންސިލަށެވެ.
އެލްޖީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާރު ހިނގަމުންދާ ކައުންސިލްގައި އެއްވެސް ތަނަކުން އަންހެނުންނަށް މެޖޯރިޓީ ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ކުރީ އިންތިހާބުތަކަށް ވުރެ މި ފަހަރު އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.