ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓު އެއްވަރުވެގެން ފަސް ރަށެއްގައި މިއަދު ބޭއްވި ދެވަނަ ބުރުގައި، ޕީއެންސީއަށް ތިން ގޮނޑި އަދި އެމްޑީޕީއަށް ގޮނޑިއެއް ލިބިއްޖެ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓު އެއްވަރުވުމުން ދެވަނަ ބުރެއް ބޭއްވީ ބ. ދޮންފަނު ކައުންސިލާއި ފުވައްމުލަކު ދަޑިމަގު ދާއިރާއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އާއި ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސް ކަމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ކޮމިޓީއަށް މެމްބަރަކު އިންތިހާބު ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކުރި ވޯޓުގެ ނަތީޖާތައް
- ފުވައްމުލަކު ކައުންސިލްގެ ދަޑިމަގު ގޮނޑި ލިބުނީ އަމިއްލަ ގޮތުން ވާދަކުރި ޝީޒާ އިބްރާހިމަށް. އެއީ 595 ވޯޓު. އޭނައާ ދެން ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އަބްދުލް ގާދިރަށް ލިބުނީ 562 ވޯޓު.
- ދޮންފަނު ކައުންސިލްގެ ގޮނޑިއަށް ހޮވުނީ އެމްޑީޕީގެ އާމިނަތު ރަފާހު. އޭނާއަށް ލިބުނީ 203 ވޯޓު. ރަފާހުއާ ވާދަކުރި ޕީއެންސީގެ އައިޝަތު މުނާއަށް ލިބުނީ 166 ވޯޓު.
- ނޭކުރެންދޫ އަންހެނުން ކޮމެޓީގެ ގޮނޑި ޕީއެންސީގެ ފާތިމަތު ރިއުޒާއަށް ލިބުނީ 362 ވޯޓާއެކު. އަމިއްލަ ގޮތުން ވާދަކުރި ފާތިމަތު ނިޝާދާއަށް ލިބުނީ 232 ވޯޓު.
- ހއ. ކެލާ އަންހެނުންގެ ކޮމެޓީގެ ރައީސްކަމަށް ޕީއެންސީގެ ހައްވާ ފަޒްނާ އިންތިހާބުވީ 578 ވޯޓުން. އެމްޑީޕީގެ ކެންޑިޑޭޓު މަހުދިއްޔާ އާދަމަށް ލިބުނީ 528 ވޯޓު
- މާވަށު އަންހެނުން ކޮމެޓީގެ ގޮނޑި ޕީއެންސީގެ ފާތިމަތު ޝާފިޔާއަށް ލިބުނީ 563 ވޯޓުން. އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް މާއިޝާއަށް ލިބުނީ 545 ވޯޓު.
އެ އިންތިހާބުތަކުގައި 6،093 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބެ އެވެ. އޭގެ ތެރެއިން 4،389 މީހުން ވަނީ ވޯޓު ދީފަ އެވެ.